ސަޢުދީ ޢަރަބިއްޔާ އިން އެއްވެސް ޤައުމަކަށް ޙައްޖުގެ ކޯޓާ އިތުރުކޮށްފިނަމަ، ރާއްޖެއަށް ވެސް އިތުރު ކޯޓާ ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ޙައްޖު ޢުމްރާގެ ދެވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ޙައްޖުގެ ވާހަކަ ދައްކާއިރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ ރާއްޖެއަށް ލިބޭ ކޯޓާއާއި ހިސާބުންކަމަށާއި، އެކަމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޙަރަމްފުޅު ކައިރީގައި މިހާރުވެސް ބޮޑެތި ޢުމްރާނީ މަސައްކަތްތައް ކުރިއަށްދާތީ، ޤައުމުތަކަށް ކޯޓާ އިތުރުކުރުމުގެ ނިންމުމެއް ސަޢުދީން އަދި ނުނިންމައެވެ.
ކޯޓާ އިތުރުވުމުގެ އުންމީދު ބޮޑުކަން ހާމަކުރައްވަމުން ޑރ. ޝަހީމް ޔަޤީންކަން ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވިއެވެ. "އެމަސައްކަތްތައް ނިމިގެން އެއްވެސް ޤައުމަކަށް ސަޢުދީން ކޯޓާ އިތުރުކޮށްދޭނަމަ އިރާދަކުރެއްވިއްޔާ ރާއްޖެއަށް އިތުރު ކޯޓާ ލިބޭނެ."
ޙައްޖާއި ޢުމްރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޙައްޖާޖީންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުނިތަކުގެ އަގު ވަޒަންކޮށް، އެކަން ފާހަގަކުރައްވާފައެވެ. މިއީ ރާއްޖޭގެ ޙައްޖު ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.