ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި

ރ. ދުވާފަރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް، މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުވާފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި، ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދެވެ. މި މަޝްރޫޢު އެމްއޭސީއެލްއާ ހަވާލުކުރުމަކީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން އެ ކުންފުނިން ރާއްޖޭގެ ތަރައްޤީއަށް ކުރާ މުހިއްމު އެހީތެރިކަމެކެވެ.

މި ސްޕޯޓްސް ކޮމްޕްލެކްސް އަކީ ދުވާފަރުގެ ޒުވާނުންނަށް ބޭނުންވާ ޒަމާނީ ފެންވަރުގެ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ހިންގާނެ މަޝްރޫޢެކެވެ. ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޮޑު އިސްކަމެއް ދެމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ކުޅިވަރުގެ މާހައުލަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

އެމްއޭސީއެލްއާ މި މަސައްކަތް ހަވާލުކުރުމާއެކު، ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ. މިއީ ދުވާފަރުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށާއި ކުޅިވަރުގެ ތެރެއިން ކުރިއެރުން ހޯދުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

މިއަދު އޮންލައިން