ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ޤައުމީ ބްރޭންޑް ކަމަށްވާ "ފްރޮމް މޯލްޑިވްސް"ގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ރ. ދުވާފަރުގައި ބޭއްވި 45 ވަނަ މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައެވެ.
މި ވެބްސައިޓް އިފްތިތާޙުކޮށްފައިވަނީ، ދިވެހި މަސްވެރިކަމުގެ ދާއިރާއަށް ޚާއްސަ މި މުހިންމު ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށްޓަކައި ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. "ފްރޮމް މޯލްޑިވްސް" އަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޕްރޮމޯޓްކުރުމަށްޓަކައި ސަރުކާރުން ތަޢާރަފްކުރި ޤައުމީ ބްރޭންޑެކެވެ.
މި ބްރޭންޑް ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މި ބްރޭންޑް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިނގިރޭސިވިލާތުގައި ބޭއްވި ޔޫކޭ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ބްރޭންޑްގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ސާފުކަމާއި ދެމެހެއްޓެނިވިކަން ބައިނަލްއަޤުވާމީ ފަރާތްތަކަށް ހާމަކޮށްދެވޭނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި ވެބްސައިޓްގެ ޒަރިއްޔާއިން ބައިނަލްއަޤުވާމީ ބާޒާރުގައި ރާއްޖޭގެ މަސްވެރިކަން އިތުރަށް ޕްރޮމޯޓްކުރެވޭނެއެވެ. މިއީ މަހުގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ. މި ވެބްސައިޓް ޑިޒައިން ކޮށްފައިވަނީ ބޭނުންކުރަން ފަސޭހަ އަދި އެކި ފަރާތްތަކަށް މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތަށް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.