ނޭޝަނަލް ކެރިއަރ ސަރވިސަސް (އެން.ސީ.އެސް) ގެ އައްޑޫސިޓީ ގޮފި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ގޮފި ހުޅުއްވައިދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. އައްޑޫސިޓީގައި މި ގޮފި ޤާއިމުކުރުމަކީ ޚާއްޞަކޮށް އެ ސިޓީގެ ޒުވާނުންނަށް ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، ވަޒީފާއަކީ އިންސާނާގެ ޢިއްޒަތާއި، މަޤުޞަދާއި، މުޖުތަމަޢުގައި އަދާކުރާ ދައުރާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ޒަރީޢާއިން ވަޒީފާ ހޯދާ ފަރާތްތަކަށް، ވަޒީފާ ދޭ ކުންފުނިތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި، ހުނަރު އިތުރު ކުރުމުގެ ފުރުޞަތުތަކާ ގުޅުވައިދޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އައްޑޫސިޓީގެ ޒުވާނުންނަށް، ބަދަލުވަމުންދާ ވަޒީފާގެ ދުނިޔެއަށް ހޭނި ކުރިއަށް ދިއުމަށް މި ގޮފީގެ ހިދުމަތްތަކަކީ ވަރަށް ބޮޑު އެހީއަކަށްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނޭޝަނަލް ކެރިއަރ ސަރވިސްގެ މައިގަނޑު މަޤްސަދަކީ، ޒުވާނުންނަށް ކުރިޔަށްދާނެ ދާއިރާތަކާއި ގުޅޭގޮތުން އިރުޝާދު ދިނުމާއި، ވަޒީފާގެ ބާޒާރަށް ތައްޔާރު ކޮށްދިނުމުގެ އިތުރުން ވަޒީފާ ހޯދުމަށް އެހީތެރިވުމެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމާއި، ވަޒީފާގެ ބާޒާރާ ދެމެދު ގުޅުން ޤާއިމްކޮށް، ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، އެކުދިންގެ ޤާބިލިއްޔަތު އިތުރު ކުރުމަކީވެސް އެން.ސީ.އެސްގެ މުހިންމު ބޭނުމެކެވެ. މިގޮތުން، ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދީ، ވަޒީފާއަށް އަހުލުވެރި ކުރުވައި، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރުވަނިވި މަސައްކަތްތެރިން ބިނާކުރުމަށް އެން.ސީ.އެސްއިން މުހިންމު ދައުރެއް އަދާކުރެއެވެ.
ނޭޝަނަލް ކެރިއަރ ސަރވިސް އުފެދިފައިވަނީ 2024 ވަނަ އަހަރު ނެޝަނަލް ޖޮބް ސެންޓަރގެ މެންޑޭޓަށް ގެނައި ބަދަލުތަކާއެކުގައެވެ. މާލެ ސަރަޙައްދު ފިޔަވާ ރާއްޖޭގެ 4 އަތޮޅެއްގައި މިހާރު މި ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އައްޑޫސިޓީގައި މި ގޮފި ހުޅުވުމާއެކު، އެ ސަރަޙައްދުގެ ޒުވާނުންނަށް ވަޒީފާގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.