ދިވެހި ވިޔަފާރިވެރިންނާއި ބުދަ ދުވަހުގެ ރޭ، ރައީސް ބައްދަލުކުރެއްވުމަށް ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދިވެހި ވިޔަފާރިވެރިންނާއި ބުދަ ދުވަހުގެ ރޭ، ރައީސް ބައްދަލުކުރެއްވުމަށް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި ހަފްތާގެ ބުދަ ދުވަހުގެ ރޭ، ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ. މި ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި، ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިފަދަ ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާކޮށް، ބޭނުންފުޅުވާ ކަންކަން ސީދާ އެފަރާތްތަކުގެ އަޑުން އަޑުއެއްސެވުން ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ދިވެހި ވިޔަފާރިވެރިންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.

ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވާ ބުދަ ދުވަހު ރޭގަނޑު 8:30 ގައި ސޯޝަލް ސެންޓަރުގައެވެ. މި ބައްދަލުވުމަކީ ޤައުމީ އިޤްތިޞާދަށް މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިވެރިންގެ ޚިޔާލު ހޯއްދަވައި، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި އެހީތެރިކަން ހޯދުމަށް ބާއްވަވާ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

މި ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ އެހެނިހެން ބައްދަލުވުންތަކުގެ ތެރޭގައި، އަންގާރަ ދުވަހުގެ ރޭ މާލޭގެ ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ހިމެނެއެވެ. އެ ބައްދަލުކުރެއްވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 20:30 ގައި އިމާދުއްދީން ސްކޫލްގައެވެ. ސަރުކާރުގެ ފަރާތުން ވަނީ މި ބައްދަލުވުމަށް ގަލޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ދަޢުވަތު އަރުވާފައެވެ. މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ދާދިފަހުން ދިވެހި މަސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މިފަދަ ބައްދަލުވުންތަކުން ރައީސްގެ ސަރުކާރުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ދެއްވާ އަހައްމިއްޔަތު ފާހަގަވެގެންދެއެވެ.

މިއަދު އޮންލައިން