ފުލުހުންގެ ނޫ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ. ސީޕީ މިހެން ވިދާޅުވީ، 41 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯސް ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، ފުލުހުން ފުރިހަމަކުރި ތަމްރީނުން ބިނާކޮށްދެވުނު ޝަހްސިއްޔަތުން އަދުލުވެރިކަމާއި އިންސާފުވެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފުލުހުންގެ ނޫ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ރަމްޒެއްކަމަށާއި މިއީ އަދުލުވެރިކަމުގެ ރަމްޒެއްކަން އެމަނިކުފާނު ވަނީ އަލުން ފާހަގަކުރައްވާފައެވެ.
"އަޅުގަނޑު ތިޔަ ފުލުހުންނަށް ހަނދާންކޮށްދޭން ބޭނުންވަނީ ތިޔަ އިހްތިޔާރުކުރީ ފަސޭހަ މަގެއް ނޫންކަން. ތިޔަ އިހްތިޔާރުކުރީ ވަރަށް ބުރަ އެހާމެ ޒިންމާދާރު އަދި ގުރުބާނީތަކެއް އެކުލެވޭ މަގެއްކަން. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ތިޔަ ފަށަނީ ހަމައެކަނި ވަޒީފާއެއް ނޫންކަން. ތިޔަ ދެވެނީ ޤައުމީ ގޮވާލުމަކަށް އިޖާބަކަން. ތިޔަ ނިކުމެވެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރަފްވެރި ޤައުމީ ޚިދުމަތަކަށްކަން. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ތިޔަ ފުލުހުންނަށްޓަކައި ފަހުރުވެރިވަން." ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ސީޕީ އިސްމާއިލް ނަވީން އިތުރަށް ވިދާޅުވީ، ފުލުހުންގެ ޔުނީފޯމަކީ އަމާނާތެއް ކަމަށާއި، އެހެންކަމުން ޔުނީފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. ގައުމު ބަރޯސާވަނީ ހިތްވަރުގަދަ، ހަރުދަނާ، އަޒުމްވަރުގަދަ އަދި އަދުލުވެރި ފުލުހުންނަށްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ބަސްތަކުން އެމަނިކުފާނު އިލްތިމާސްކުރެއްވީ، ރައްޔިތުންނަށް އިތުބާރު ހިފޭ، އިންސާފުވެރި އަދި ރައްކާތެރި މާހައުލެއް ބިނާކުރުމަށް ފުލުހުންގެ ދައުރު މުހިއްމުކަން ހަނދާންކޮށްދިނުމަށެވެ.