ރިޝަވަތުގެ ހުށައެޅުންތަކާއި މާލީ މަންފާތައް ހޯދައިދިނުމުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނުމުގައި ފުލުހުން ސާބިތުބާން ޖެހޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 41ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުން ދަސްވެނިވު ހުރިހާ ދަސްވެނިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވަމުންނެވެ.
އަސާސީ ތަމްރީން ޕްރޮގްރާމް ނިންމި ފުލުހުންނާ މުޚާތަބުކުރައްވައި ވަޒީރު އިޙްސާން ވިދާޅުވީ، ރިޝަވަތުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނުމުގައި ފުލުހުން ސާބިތުބާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން މަޤާމުގެ ކުރިއެރުންތަކާއި، ތަފާތު މާލީ މަންފާތައް ހޯދައިދިނުމުގެ ހުށައެޅުންތައްވެސް އަންނާނެ ކަމަށާއި، މިފަދަ ބަލިމަށުކަމެއްގައި ނުޖެހުމަށް ވަޒީރު ވަނީ އިރުޝާދު ދެއްވާފައެވެ.
ސަރުކާރުގެ ސިޔާސަތު މި ދާއިރާއިން ގެންގުޅެމުންދަނީ މައިގަޑު 4 ސިޔާސަތެއްގެ މައްޗަށް ކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިއިން ކޮންމެ ކަމެއް ގޮސް ގުޅެނީ ރައްޔިތުންނަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ. ރައްކާތެރިކަމުގެ އިޙުސާސު ކޮންމެ ރައްޔިތެއްގެ ހިތުގައި ނުއުފުދޭހާ ހިނދަކު އެ ޢަމާޒަށް ވާސިލު ނުވެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙްސާންގެ ވާހަކަފުޅުގައި، ސިޔާސަތުގެތެރޭގައި ޚާއްސަ މިޝަން ސެޓެއް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އެއީ ޑްރަގްގެ ވަބާ އެއްކޮށް ނައްތާލުން، ގޭންގް ހަދައިގެން ކުށްކުރާ ގްރޫޕްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެސް މުޖުތަމަޢު ސަލާމަތްކުރުން، ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ޙައްލުކުރުން، އަދި ކުށުގެ މާޙައުލުން ކުޑަކުދިން ސަލާމަތްކުރުން ކަމަށެވެ. މިކަންކަމަށް ބޭނުންވަނީ %70، %80ގެ ޙައްލެއް ނޫން ކަމަށާއި، %100ގެ ޙައްލެއް ކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވަނީ ހާމަކުރައްވާފައެވެ.