ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެންސްޕާއިން މިދިޔަމަހު 35.1 މިލިޔަނަަށްވުރެ ގިނަރުފިޔާ ޚަރަދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެންސްޕާއިން މިދިޔަމަހު 35.1 މިލިޔަނަަށްވުރެ ގިނަރުފިޔާ ޚަރަދުކޮށްފި

ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ މަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން 35.1 މިލިޔަނަަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ޚަރަދުތައް ކޮށްފައިވަނީ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން، ފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ މަހު ބޭސްފަރުވާއަށް ޚަރަދުކުރި ޖުމްލަ 35.1 މިލިޔަން ރުފިޔާގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބޭސްފަރުވާކުރުމަށް ޚަރަދުކުރި 20.5 މިލިޔަން ރުފިޔާއާއި، ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ޚަރަދުކުރި 14.5 މިލިޔަން ރުފިޔާއެވެ. ނަމަވެސް، މި އަދަދަކީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. އެގޮތުން، އޮކްޓޫބަރު މަހު ބޭސް ފަރުވާއަށް ޚަރަދުކޮށްފައިވަނީ 45.1 މިލިޔަން ރުފިޔާއެވެ.

ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ މަހު އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔާއި ކަށީގެ ބަލިތަކާއި ވިހެއުމުގެ އިތުރުން ނޭވާލާ ނިޒާމްގެ އެކި ބަލިތަކަށެވެ. މީގެ ތަފްސީލަށް ބަލާއިރު، މިދިޔަ މަހު ކެންސަރު ބައްޔަށް ފަރުވާކުރުމަށް 135 ކޭސްއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން، ކަށީގެ އެކި ބަލިތަކުގެ ފަރުވާކުރުމަށް 130 ކޭސްއަކަށް މާލީ އެހީ ދީފައިވާއިރު، ވިހެއުމާ ގުޅޭ 124 ކޭސްއަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ނޭވާލާ ނިޒާމްގެ 112 ކޭސްއަކަށްވެސް އެންސްޕާއިން މިދިޔަ މަހު މާލީ އެހީ ދީފައިވާކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި އެހީތެރިކަމުގެ ސަބަބުން، ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދަތިވާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ލުއިފަސޭހަ ވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން