މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން (އެމް.އެމް.ބީ.ސީ) ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ޢާންމުކޮށްފިއެވެ.
މި ސުލޫކީ މިންގަނޑަކީ މިއަހަރުގެ ތެރޭގައި ޢަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން މީޑިއާ ކޮމިޝަނުން އެކުލަވާލައި ޢާންމުކުރަންޖެހޭ ކަމެކެވެ. މި އުޞޫލުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ނަގަހައްޓަންޖެހޭ ހަމަތަކާއި، ޕްރޮގްރާމިންއާއި ކޮންޓެންޓް އުފެއްދުމުގައި ސަމާލުކަންދޭންވީ އުސޫލުތަކާއި މިންގަނޑުތައް ވަނީ ތަފުސީލުކޮށް ބަޔާންކޮށްފައެވެ. މީގެ އިތުރުން މައުލޫމާތު ހާމަކުރުމުގައި އިސްކަންދޭންވީ މިންގަނޑުތައްވެސް ވަނީ މި އުޞޫލުގައި ހިމަނާފައެވެ.
ސުލޫކީ މިންގަނޑުގައި ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން ހިފަހައްޓަންޖެހޭ ވަރަށް މުހިންމު ހަމަތަކެއް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުމަށް އިސްކަންދިނުމަށް ވަނީ ބާރުއަޅާފައެވެ. އަދި އިޖުތިމާޢީ އަޚުލާޤާއި އާންމު ނިޒާމު ހިފެހެއްޓުމާއި، މީހުންގެ އަބުރާއި ޒާތީ ދިރިއުޅުން ރައްކައުތެރިކުރުމަކީވެސް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ތެދު މަޢުލޫމާތު ހާމަކުރުމާއި، އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ވަނީ އަންގާފައެވެ. އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް ޤާނޫނުތައް ހުއްދަކުރާ ގޮތުގެ މަތީން ޖާގަ ދިނުމަކީވެސް މި މިންގަނޑުގެ މުހިންމު ބައެކެވެ. އަދި މުޖުތަމަޢުގައި އަޅައިލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރަން ޚާއްޞަ ރައްކައުތެރިކަމާއި ސަމާލުކަމެއް ދިނުމަށް ވަނީ ބާރުއަޅާފައެވެ. ޚާއްޞަކޮށް، ކުޑަކުދިންގެ ޙައްޤުތަކަށް ގެއްލުންވާނެ ފަދަ ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް ވަނީ ހަރުކަށިކޮށް އަންގާފައެވެ.
ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގައި ކޮޕީރައިޓު ނުވަތަ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓާ ބެހޭ ބައެއްވެސް ހިމަނާފައިވެއެވެ. މިގޮތުން، އެހެން ފަރާތެއްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ބޭނުންކުރާނަމަ، އެ އެއްޗެއްގެ ވެރިފަރާތެއްގެ ހުއްދަޔާއެކު އެ ފަރާތަށް ކްރެޑިޓްދީގެން މެނުވީ އެ ކޮންޓެންޓެއް ގެނެސްދީގެންނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެހެން ފަރާތެއްގެ އުފެއްދުމެއް ބޭނުންކުރުމުގައި އޭގެ އަސްލު އޮޅުވައިލައިގެން އެއީ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ގެނެސްނުދިނުމަކީވެސް މިންގަނޑާ ޚިލާފު ކަމެކެވެ.
މީގެ އިތުރުން، މި ސުލޫކީ މިންގަނޑުގައި ކޮންޓެންޓް އުފެއްދުމުގައި އާޓިފިޝިއަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ވަނީ ބަޔާންކޮށްފައެވެ. މީޑިއާ ކޮމިޝަނުން މި މިންގަނޑު ޢާންމުކުރުމާއެކު، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން މި އުޞޫލުތަކަށް ތަބާވެ، އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމަށް ވަނީ ގޮވާލާފައެވެ.