ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިތުރުވުމުގެ ސަބަބުން ދައުލަތަށް ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ހާމަވެއްޖެއެވެ. މިއަހަރުގެ ތެރޭގައި ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ރަނގަޅުވެފައިވާކަން ފާހަގަކުރެވުނުއިރު، ޖުމްލަ އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
މާލީ ކަންކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ފާއިތުވި ހަފުތާގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 36 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 32.6 ބިލިޔަން ރުފިޔާއެވެ.
ޓެކްސް އާމްދަނީގެ ތެރެއިން، ފާއިތުވި ހަފުތާގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓީޖީއެސްޓީންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ޖުމްލަ 9.9 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު، 14.1 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މި ކުރިއެރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތައް ހަލުވިވެފައިވާކަން ދައްކުވައިދޭ މުހިންމު ނިޝާނެކެވެ.
މިހާތަނަށް ޖުމްލަ ޓެކްސް އާމްދަނީ 26.9 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނިއާ އަޅާބަލާއިރު 9.2 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ ޓެކްސް އާމްދަނީ ހުރީ، 24.7 ބިލިޔަން ރުފިޔާގައެވެ.
މީގެ އިތުރުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދުތައް ހުރީ، 37.9 ބިލިޔަން ރުފިޔާގައެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 43.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު، 12.7 އިންސައްތައިގެ ދަށްވުމެކެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ސަބްސިޑީތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްދާ ކެޕިޓަލް ޚަރަދުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އާމްދަނީ އިތުރުވުމާއި ޚަރަދުތައް ކޮންޓްރޯލް ކުރެވުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމުގެ ނިޝާންތައް މި ރިޕޯޓުން ފެންނަމުންދެއެވެ.