ލޯކަލް ކައުންސިލް އިންތިޚާބަށް ޕީއެންސީގެ 94 ޕަސެންޓް ގޮނޑިތަކަށް ކެންޑިޑޭޓުން ކުރިމަތިލިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ލޯކަލް ކައުންސިލް އިންތިޚާބަށް ޕީއެންސީގެ 94 ޕަސެންޓް ގޮނޑިތަކަށް ކެންޑިޑޭޓުން ކުރިމަތިލިފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޕީއެންސީގެ ފަރާތުން 94 އިންސައްތަ ގޮނޑިތަކަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. މިއީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑިތަކަށް ވާދަކުރުމަށް ކުރިމަތިލި ފަހަރު ކަމަށް ޕީއެންސީން ބުނެއެވެ.

ޕީއެންސީގެ ކެމްޕެއިން މެނޭޖަރ، އަދި ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ގްރޫޕް ލީޑަރ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިހާ ގިނަ ކެނޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވާދަކުރުމަށް ކުރިމަތި ނުލާ ކަމަށެވެ. ފަލާޙް ވިދާޅުވީ، "ވަރަށް ގިނަ އަދަދެއްގެ ކެނޑިޑޭޓުން ފޯމު ހުށަހަޅާފައިވޭ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރަން ހުށަހަޅާފައިވާ ކެނޑިޑޭޓުންގެ އަދަދު އަޅުގަނޑުމެން ބަލާލިން. ބައެއް ޕާޓީތަކަށް 80 އިންސައްތަ އަށް ވާދަ ކުރެވިފައިވޭ. 90 އިންސައްތައިން މައްޗަށް ނާރާ. މިފަހަރު ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ނިސްބަތް 97 އިންސައްތައަށް އަރާ."

ފަލާޙު އިތުރަށް ވިދާޅުވި ގޮތުގައި، ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅި ހުރިހާ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމެޓީން ދަނީ ބަލަމުންނެވެ. އަދި ޝަރުތުހަމަވާ ކެންޑިޑޭޓުން ކަނޑައަޅާ، ޕްރައިމަރީ ބާއްވާނެ ދާއިރާތައް އެ ކޮމެޓީން ކަނޑައަޅާ އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައި ވަނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ޕްރައިމަރީގެ އުސޫލުތައް މިއަދު ރޭ އިއުލާނު ކުރާނެ ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ. ޕީއެންސީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މި ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މިއީ އެއް ޕާޓީއަކުން އެންމެ ގިނަ ކެނޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ފަހަރަށް ވެގެންދާނެ ކަމަށް އެ ޕާޓީން ޤަބޫލުކުރެއެވެ.

މިއަދު އޮންލައިން