ޢަރަބި ބަހަކީ ހަމައެކަނި ބަހަކަށްވުރެ މާ މަތިވެރި ބަހެއް ކަމަށާއި، އެއީ ދީނާއި، ޢިލްމާއި، ތަހުޒީބާއި، އިންސާނިއްޔަތުގެ ޢާންމު ތަރިކައެއްގެ ބަހެއް ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ޢަރަބި ބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 18 ވަނަ ދުވަސް ފާހަގަކުރަނީ ޢަރަބި ބަހުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ އަލް ގަހްތާނީ ވެސް ބައިވެރިވެވަޑައިގަތެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އިތުރަށް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްދީން ޤަބޫލުކުރި ހިސާބުން ފެށިގެން، ޢަރަބި ބަސް ވަނީ ދިވެހީންގެ ދީނީ ޙަޔާތާއި ޢިލްމީ ތަރިކަތަކާ ވަކިނުކުރެވޭ ގޮތަކަށް ގުޅިލާމެހިފައި ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޢަރަބި ބަހަކީ ދިވެހީންގެ ދިރިއުޅުމުގެ އެކި ކަންކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަހެކެވެ.
"ކީރިތި ޤުރުއާން ތިލާވަތުކުރުމުން ފެށިގެން ދުވަހު ނަމާދުތަކަށާއި، ދުޢާ ކުރުމުން ފެށިގެން ސަލާމް ބުނުމާއި ޝުކުރުވެރިކަން ފާޅުކުރުމާ ހަމައަށް، ޢަރަބި ބަސް ވަނީ އަޅުގަނޑުމެންގެ ގޭގަޔާއި، މިސްކިތްތަކުގަޔާއި، ހިތްތަކާއި ގުޅިފައި." ވަޒީރު ވިދާޅުވިއެވެ. މި ބަހުގެ މުހިންމުކަން ވަޒީރު ވަނީ މި ރަސްމިއްޔާތުގައި ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވަނީ ޢަރަބި ބަހުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ މުބާރާތްތަކުން 1 ވަނަ ހޯދި ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ޢުމްރާ ދަތުރުގެ ފުރުޞަތު ހަމަޖައްސައިދީފައެވެ.
ޢަރަބި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޢަރަބި ބަހުން ވާހަކަދެއްކުމާއި، ޅެން ހެދުމުގެ އިތުރުން ލިޔުމުގެ މުބާރާތެއްވަނީ ބާއްވާފައެވެ.