ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާއިން ތައްޔާރަވެއްޖެއެވެ.
މި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށެވެ. މި ޕްރޮގްރާމްގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.
ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދަ އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށެވެ. މި އޮޕަރޭޝަން ކުރިއަށްގެންދަނީ "އޮޕަރޭޝަން ކުރަނގީ" ގެ ދަށުންނެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމަށެވެ. މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ބައެއް ފަރާތްތަކުން އެކްސްޕެޓް ސިސްޓަމްގައި އެމީހުންގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީން "މިސިންގ ރިޕޯޓު" ކޮށްފައިވާކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިފަދަ 10000 އެއްހާ ބިދޭސީން މިފަދައިން ތިބިކަމަށް ދައްކާކަމަށާއި، މި މުއްދަތުގެ ތެރޭގައި މި ފަރާތްތަކަށް ގަވާއިދުގެ ތެރެއަށް އައުމުގެ ފުރުސަތު އޮންނާނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެކަމަށް ލަފާކުރެވެއެވެ.