ރައްޔިތުންނާއެކު ބައްދަލުވުންތައް ބޭއްވުމުގެ ބޭނުމަކީ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ރައްޔިތުންނާއެކު ބައްދަލުވުންތައް ބޭއްވުމުގެ ބޭނުމަކީ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުން: ރައީސް

ރައްޔިތުންނާއެކު ބައްދަލުވުންތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، އެމީހުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ޞަލާހުއްދީން ސްކޫލުގައި ބޭއްވި ބައްދަލުކުރެއްވުން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް ސަރުކާރުން ދެއްވާ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ރައްޔިތުންގެ ބައިވެރިވުމަކީ ސަރުކާރުގެ މަސައްކަތްތަކުގެ މައިގަނޑު އެއް ބޭނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، "ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ މި މަސައްކަތުގެ ބޭނުމަކީ. ރައްޔިތުން ފާޅުކުރައްވާ ކޮންމެ ޚިޔާލަކީ މަޝްވަރާއަކީ ހަމަ މުހިންމުކަމެއް." ރައްޔިތުންގެ އަޑުއެހުމާއި، އެމީހުންގެ ބޭނުންތައް ދެނެގަތުމަކީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ އިސްކަންދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

މި ސިލްސިލާ ބައްދަލުވުންތަކުގެ މަޤްޞަދަކީ، ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެމީހުންގެ ދިރިއުޅުމަށް ދިމާވާ ދަތިތަކާއި، ސަރަހައްދީ ކަންބޮޑުވުންތައް ސީދާ އަޑުއެހުމެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން