ހިޔާ ފްލެޓްތަކަށް ދެލައްކަ ރުފިޔާގެ ޑިސްކައުންޓް ދޭނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ހިޔާ ފްލެޓްތަކަށް ދެލައްކަ ރުފިޔާގެ ޑިސްކައުންޓް ދޭނަން: ރައީސް

ވަޢުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓްތަކަށް ދެލައްކަ ރުފިޔާގެ ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވިދާޅުވީ، މިކަމާއި ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގަވާފައިވާނެ ކަމަށެވެ. ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމެއްގައެވެ.

ބައްދަލުވުމުގައި އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންތިޚާބުގެ ކެމްޕެއިންް ތެރޭ ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް އެމަނިކުފާނު ފުއްދަވާނެ ކަމަށެވެ. އެގޮތުން، ހިޔާ ފްލެޓްތަކަށް ދެލައްކަ ރުފިޔާގެ ޑިސްކައުންޓް ދިނުމުގެ ވަޢުދުވެސް ފުއްދަވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މިކަން ކުރުމަށްޓަކައި އެޗްޑީސީއަށް އަންގަވާފައިވާކަން ތަކުރާރުކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ޑިސްކައުންޓް ދިނުމަށްޓަކައި ފްލެޓްތަކުގެ އެގްރީމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ. އަދި އެގްރީމަންޓަށް ބަދަލު ގެނައުމުގައި އާންމުންގެ ކަންބޮޑުވުންތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ދަންނަވާފައި އޮންނާނެ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދިނުމުގެ ކަންތައް. އެކަންތަައްވެސް އަޅުގަނޑު ދެންނެވި ގޮތަށް އެކަން ކުރުމަށްޓަކައި އަޅުގަނޑު އެޗްޑީސީގައި މިހާރު އޮންނާނީ ދަންނަވާފައި، ރައީސް ވިދާޅުވިއެވެ. ތިބޭފުޅުންގެ އެގްރީމަންޓް ބަދަލުވެގެންދާއިރު މިހާރު ތި ވިދާޅުވި ކަންބޮޑުވުންތައް އެއީ އަޅުގަނޑު ބަލާނެ ކަންތައްތައް. އެ ދެލައްކަ ރުފިޔާ އަޅުގަނޑު ދެންނެވި ގޮތަށް އެކަން އުނިކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ކޮށްދޭނަން، އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

މި ނިންމެވުމުގެ ސަބަބުން ހިޔާ ފްލެޓް ލިބިފައިވާ އެތައް ހާސް ރައްޔިތުންނަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ރައީސްގެ މި ވާހަކަފުޅަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދެވުމުގެ މަސައްކަތް ފެށިފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

މިއަދު އޮންލައިން