4000 ފްލެޓަށް ދައްކަން ޖެހޭ މަހު ކުއްޔާއި އެޑްވާންސް ޕޭމަންޓް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުން އިޢުލާނު ކުރެއްވީ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި، އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މިހާރު އެފްޑީސީން ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ ތަންތަނަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކުރިން 25,000 ރުފިޔާ ދައްކަން ޖެހޭއިރު، މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 10,500 ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ ތަންތަނަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15,000 ރުފިޔާ ދައްކަން ޖެހޭއިރު، މަހު ކުއްޔަކީ 7,000 ރުފިޔާއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލާއެކު މެއިންޓަނަސް ފީ އާއެކު ތިން ކޮޓަރީގެ ފްލެޓްތަކަށް ދެން ދައްކަން ޖެހެނީ މަހަކު 10,000 ރުފިޔާއެވެ. އަދި އެޑްވާންސް ޕޭމަންޓް 25,000 ރުފިޔާގެ ބަދަލުގައި 8,000 ރުފިޔާއަށް ވަނީ ކުޑަކުރައްވަން ނިންމަވާފައެވެ.
ހަމައެފަދައިން ދެ ކޮޓަރީގެ ފްލެޓްތަކަށް ވެސް ވަނީ ބޮޑު ލުއިތަކެއް ދެއްވާފައެވެ. ދެ ކޮޓަރީގެ ކުލީގެ ގޮތުގައި ދެން ދައްކަން ޖެހޭނީ 6,000 ރުފިޔާއެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15,000 ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ 6,000 ރުފިޔާއެވެ.
މި ނިންމެވުމަކީ ފްލެޓްތައް ލިބިފައިވާ އެތައް ހާސް ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ.