ކުޑަކުދިންނަށާއި ޒުވާނުންނަށް ދިވެހި މާދަރީބަސް ފޯރުކޮށްދިނުމަށް ޚާއްސަގޮތްތަކެއް ހަމަޖައްސައިދޭނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކުޑަކުދިންނަށާއި ޒުވާނުންނަށް ދިވެހި މާދަރީބަސް ފޯރުކޮށްދިނުމަށް ޚާއްސަގޮތްތަކެއް ހަމަޖައްސައިދޭނަން: ރައީސް

ކުޑަކުދިންނަށާއި ޒުވާނުންނަށް ދިވެހި މާދަރީ ބަސް ފޯރާނެ މަގުތައް ތަނަވަސްކޮށްދެއްވާނެ ކަމަށާއި، މިކަމަށްޓަކައި ސަރުކާރުން ޚާއްސަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީން 2025ވަނައަހަރު ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާޙުއްދީނު އިސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިބަހަކީ ދިވެހީންގެ ދިވެހިވަންތަކަމާއި ޤައުމިއްޔަތުގެ އަސާސްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، "ދިވެހީން ދިވެހީންނަށް ވަނީ ދިވެހިބަހުގެ ސަބަބުން" ކަމަށެވެ. ދިވެހިބަސް އެއް ޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ ފުރުސަތަށް ބަލާއިރު، ކުޑަކުދިން ކިޔާނެ ދިވެހި ފޮތްތައް ގިނަވުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަކުދިންނާއި ޒުވާނުންނަށް ބޭނުންވާ ދިވެހި ފޮތްތައް ލިޔުއްވުމަށް އެތައް ބަޔަކު ބޭނުންވީ ނަމަވެސް، ފޮތް ޗާޕުކުރުމުގެ ޚަރަދު ބޮޑުވުމަކީ އެ މަސައްކަތަށް އޮތް ހުރަހެއް ކަމަށެވެ. މިކަން ޤައުމީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހިބަސް ޅަދަރިންނަށް ފޯރުވައިދިނުމަކީ މުހިންމުކަމެއް ކަމަށެވެ. އެހެންކަމުން، ދިވެހިބަހާއި ދިވެހިވަންތަކަން ކުރިއެރުވުމަށް ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ސަރުކާރުން ޚާއްސަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ އެ މަނިކުފާނު ވިދާޅުވިއެވެ.

މި ކަމަކީ ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން