ހުޅުމާލޭ ހިޔާ ޓަވަރެއްގައި ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
ހުޅުމާލޭ ހިޔާ ޓަވަރެއްގައި ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މިއަދު ހުޅުމާލޭ ހިޔާ 8 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ހިޔާ 8 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަޑުގަދަ ކުރާ ކަމަށް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ އެޕާޓްމަންޓަށް ފުލުހުން ގޮސް ބެލިބެލުމުން، ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހަމަލާގައި ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ތޫނު އެއްޗަކުން ދިން ހަމަލާގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެން ގޮސް، މައި ނާރު ބުރިވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ. މިހާރު އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން