ދެ ހަފްތާގެ ތެރޭގައި 83 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކުރިއަށްގެންދެވުނު މި އޮޕަރޭޝަނަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހާއްސަ އިސްކަމެއް ދެއްވައިގެން ފެއްޓެވި މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާއެއްގައެވެ. މަސާޖު ޕާލާގެ މައްސަލައަކީ މުޅި މާލެ ސަރަޙައްދަށްވެސް ދިމާވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމަށް ފާހަގަކުރައްވައި، ރައްޔިތުންގެ މަޝްވަރާ ބައްދަލުވުންތަކުން މިކަމަށް ފާހަގަކުރެވުނު ކަންބޮޑުވުންތަކާއެކު، ހާއްސަ އިސްކަމެއް ދީގެން މަސާޖު ޕާލާތައް ބަލާ ފާސްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 83 މަސާޖު ޕާލާ ބަންދުކޮށްފައިވާކަން ހާމަކުރައްވަމުން، ރައީސް ވަނީ މިކަމުގެ ސީރިއަސްކަން ފާހަގަކުރައްވާފައެވެ.
"ދިރާސާ ހަދާލި އިރު ރާއްޖޭގެ ތާރީޙުގައި ދުވަހަކުވެސް ނެތް މި އަދަދާއި ގާތްކުރާ އަދަދަކަށްވެސް ބަންދުކޮށްފައި، މީގެ ބައިކޮޅު ބައިވެސް ނެތް ބަންދުކޮށްފައި، އަބަދުވެސް ގޮސް އިންޒާރެއް ދީފާނެ ކޮންމެވެސް ކަހަލަ ފިޔަވަޅެއް އަޅާފާނެ، އެކަމަކު ބަންދުކޮށްފައެއް ނެތް،" ރައީސް ވިދާޅުވިއެވެ.
މިކަމުން ދައްކުވައިދެނީ، އެ މަނިކުފާނުގެ ސަރުކާރުން އިޖުތިމާޢީ މައްސަލަތަކަށް ދެއްވާ ސަމާލުކަމާއި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ގަދަފަދަ ކަމެވެ.