ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ މުއްދަތު، ގިނަ އަދަދެއްގެ އޮފިޝަލުން ބޭނުންވާތީ، އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވަނީ އަންނަ އަހަރުގެ މާރޗުމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 15:00 އާ ހަމައަށެވެ. މިމުއްދަތު އިތުރުކުރަން ޖެހުނީ، އަންނަ އަހަރުގެ އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުތަކަށް ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ އިރު، މިހާތަނަށް ލިބިފައިވަނީ ގާތްގަނޑަކަށް 5000 އެޕްލިކޭޝަންކަމަށް ވާތީ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ވިދާޅުވެފައިވަނީ، ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ގޮތުގައި މާލެ، ހުޅުމާލެ އަދި އަތޮޅުތެރޭގައި ބަހައްޓާ ވޯޓުފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން އަދިވެސް އިތުރަށް ބޭނުންވާ ކަމަށެވެ.
ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ވީ އެންމެ އަވަހަށް އެ ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ. އޮފިޝަލަކަށްވުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް ސަމާލުކަންދިނުމަށްވެސް އެ ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.