ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވީ، ވާނުވާ ބަންދުގައި އަހަރެއްހާ ދުވަސްވެފައިވާ ހުރިހާ ފަރާތްތަކެއްގެ މައްސަލަތައް މި އަންނަ މާޗް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ދިގު މުއްދަތަށް ވާނުވާ ބަންދުގައި ތިބެން ޖެހިފައިވާ ފަރާތްތަކަށް ހައްލެއް ހޯއްދަވައިދިނުމަކީ އެމަނިކުފާނު ވަރަށް ބޭނުންފުޅުވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިގޮތަށް ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ގެނައުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަމުގައި ފާހަގަކުރައްވައި، އެންމެ ފަހުން ބަންޑާރަ ނާއިބުގެ އޮފީހުން އެމަނިކުފާނަށް ދެއްވި މައުލޫމާތަށް ބަލާއިރު، ކުރިއަށް އޮތް މާޗް މަސް ނިމެންވާއިރަށް ވާނުވާ ބަންދުގައި އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ ފަރާތްތަކެއްގެ މައްސަލަތަކަށް ނިމުން އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އޭގެ ފަހުން ދެން ހުރި މައްސަލަތަކަށް ވެސް ޙައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "މި އަންނަ މާޗް މަސް ނިމެންވާއިރަށް އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓް މަރުހަލާތައް ނިމޭނެ ކަމަށް. އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަަތައް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރީން ބޭއްވުނު ބައްދަލުވުންތަކުގައި ވެސް ވާނުވާ ބަންދުގެ މައްސަލަ އޮތް ގޮތުގެ ތަފްސީލުތައް ސާފުކޮށްދެއްވާފައިވާނެ ކަމަށެވެ. މިރޭ އެމަނިކުފާނު ވިދާޅުވި ގޮތުގައި، ވާނުވާ ބަންދުގެ މައްސަލަތަކުގައި ބަންޑާރަ ނާއިބުގެ އޮފީހުން ކުރަން ޖެހޭ ކަންކަން އެންމެ ރަނގަޅަކަށް ކޮށްދެމުން ގެންދާނެއެވެ.