އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ބައުވެ ހަލާކުވެގެން ނައްތާލަން ބޭނުންވާ ޙާލަތްތަކުގައި، އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މުހިންމު ބަދަލުތަކެއް ގެނައުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އުޅަނދާ ގުޅިގެން ދައްކަންޖެހޭ އަހަރީ ފީ އާއި ޖޫރިމަނާ ހުރި ނަމަވެސް، އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރެވޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް، ރަޖިސްޓްރީ ބާޠިލްކުރާ ހިސާބަށް ނުދައްކާ ހުރި ފައިސާއަކީ އުޅަނދުގެ ވެރިފަރާތުން ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
އުޅަނދު ރަޖިސްޓްރީ ކުރުމުގައި ދިމާވާ ގަރާޖު ހުއްދައިގެ މައްސަލައަށް ވެސް މިނިސްޓްރީން ވަނީ ލުއިތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން، 2009 ވަނަ އަހަރު ގަރާޖު ލާޒިމްކުރުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، ސައްޙަ ގަރާޖެއް ނެތި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރާއިރު، އިތުރު ގަރާޖު ލިޔުމަކާ ނުލައި އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރޭގައި ވެރިފަރާތް ބަދަލުކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ސައްޙަ ގަރާޖަކާއެކު ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްނަމަ، އެ ގަރާޖެއްގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު ވެރިފަރާތް ބަދަލުކުރެވޭނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.
މި ބަދަލުތަކާއެކު، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގައި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީން ދޫކުރާ ގަރާޖު ހުއްދަ ދެން ބޭނުމެއް ނުވާނެއެވެ. އޭގެ ބަދަލުގައި ހުށަހަޅަން ޖެހޭނީ އުޅަނދު ބާއްވާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން އެކަންޏެވެ.
މި ނިންމުންތަކަކީ އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި ބާޠިލްކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ތަކްލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.