ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއަރކުރުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދެމުންގެންދާ ޚިދުމަތްތައް، މުޅިން އެއްކޮށް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މި ބަދަލަކީ ވައިގެމަގުން މުދާ ގެންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، ކާގޯގެ ޚިދުމަތް މިހާތަނަށްވެސް 24 ގަޑިއިރު ދެމުން އައި ނަމަވެސް، އެ ޚިދުމަތާ ގުޅިފައިވާ ސަރުކާރުގެ ބައެއް އެހެން މުއައްސަސާތަކުން ޚިދުމަތް ދެމުން އައި ގަޑިތަކުގެ ސަބަބުން މުޅި މަރުހަލާ 24 ގަޑިއިރު ދިނުމަށް މީގެ ކުރިން ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމާއެކު މިހާރު ވަނީ މި ހުރިހާ ޚިދުމަތެއް 24 ގަޑިއިރަށް ބަދަލުކުރެވިފައެވެ.
މި ބަދަލާއެކު އެންމެ ބޮޑު ކުރިއެރުމެއް ލިބިގެންދާނީ ކުރިއަރ މެދުވެރިކޮށް މުދާ ގެންނަ ފަރާތްތަކަށެވެ. މީގެ ކުރިން ރޭގަނޑު 9 ޖަހާއިރު ކުރިއަރ ޚިދުމަތްތައް ހުއްޓާލި ނަމަވެސް، މިހާރު އެ ޚިދުމަތްވެސް ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފައެވެ. އެމްއޭސީއެލް އިން ވިދާޅުވީ "ކުރިއަރ ޚިދުމަތްތައް ރޭގަނޑު 9 ޖަހާއިރު ހުއްޓާލިނަމަވެސް މިހާރު އެ ޚިދުމަތް 24 ގަޑިއިރަށް ވަނީ ބަދަލުކޮށްފައި. ކުރިއަރ ޚިދުމަތައް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ" ކަމަށެވެ.
ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރި ނަމަވެސް، ބާރުބޮޑު ނޫން ވަގުތުތަކުގައި ޚިދުމަތް ހޯދުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، މުދާ ބަހައްޓައިގެން އަގު ދައްކަން ނުޖެހޭ ވަގުތު ނުވަތަ ޑެމަރޭޖް ނާރާ ވަގުތުވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ކުރިން އޮތް 80 ގަޑިއިރުގެ ބަދަލުގައި މިހާރު 124 ގަޑިއިރަށް އެ ވަގުތު ވަނީ އިތުރުކޮށްދީފައެވެ.
މި ގެނެވުނު ބަދަލުތަކުގެ ސަބަބުން ވައިގެމަގުން މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށާއި އާންމު ފަރާތްތަކަށް މުދާ ކްލިއަރކުރުމުގައި ހުރި ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބި، މުދާ ލިބުމުގެ އަވަސްމިން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.