އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް"ގެ ނަމުގައި ހާއްސަ ފެސްޓިވަލެއް މިއަދު ފަށައިފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި ފެސްޓިވަލަކީ ދިވެހިރާއްޖޭގެ ސަގާފަތާއި ކާބޯތަކެތީގެ މުއްސަނދިކަން ދައްކާލުމަށް އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ.
މި ފެސްޓިވަލަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާގެ އިތުރުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. މިއަދު ހަވީރުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް މި ފެސްޓިވަލް ކުރިއަށްދާނެއެވެ.
މި ފެސްޓިވަލުގެ ތެރެއިން އައު އަހަރާ ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކާބޯތަކެތީގެ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަފާތު ބާވަތްތައް ލިބޭނެ ފުޑް ސްޓޯލްތަކެއް މި ސަރަޙައްދުގައި ވަނީ ގާއިމުކޮށްފައެވެ.
ކާބޯތަކެތީގެ އިތުރުން، އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތައްވެސް މި ފެސްޓިވަލުގެ ސްޓޯލްތަކުގައި ކުރިއަށް ގެންދެއެވެ. މިއީ އާއިލާތަކަށް އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.