އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރުދޭ މާލީއެހީތެރިކަމަށް 41 މީޑިއާއަކުން ޝަރުތު ހަމަވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރުދޭ މާލީއެހީތެރިކަމަށް 41 މީޑިއާއަކުން ޝަރުތު ހަމަވެއްޖެ

އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރުދޭ މާލީއެހީތެރިކަމަށް 41  މީޑިއާއަކުން ޝަރުތު ހަމަވެއްޖެއެވެ. މި ގްރާންޓަށް ހުށަހެޅުމަށްޓަކައި ޖުމްލަ 57 މީޑިއާއަކުން ''ޕްރޮފައިލް'' ކްރިއޭޓްކޮށްފައިވާއިރު، މީގެ ތެރެއިން ޝަރުތު ފުރިހަމަވީ 41 މީޑިއާއެކެވެ.

2024 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 1ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް، ލައިސަންސް ލިބި، މެދުނުކެނޑި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ޚާއްސަކޮށް ހުޅުވާލި މި ފުރުސަތުގައި، މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލްގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެއެވެ.

މިއަހަރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށްވަނީ ނިންމަވާފައެވެ. މީޑިއާތަކަށްދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލީ އެކަމަށް ޚާއްސަ އޮންލައިން ޕޯޓަލްއެއްގެ ތެރެއިންނެވެ. މި ފުރުސަތު ހުޅުވާލީ މި ހިނގާ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު، މިކަމާގުޅޭ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމާއިއެކުއެވެ.

އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިހަމަވުމާއެކު، ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް ލިބުނު 8 ޝަކުވާގެ ތެރެއިން، މިކަމާ ގުޅޭ ރިވިއު ކޮމިޓީންގ ބަލައި ދިރާސާކުރުމަށްފަހު، އޭގެތެރެއިން 3 ފަރާތެއްގެ ޝަކުވާ ވަނީ ބަލައިގެންފައެވެ.

މާކްސްދޭ މިންގަނޑަށް ބަލާއިރު، މީޑިއާތަކަށް 2025 ވަނަ އަހަރު މާލީއެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސްދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓްގެ ބާވަތަށާއި މުވައްޒަފުންގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި އިދާރީ އިންތިޒާމުތަކަށެވެ.

މީޑިއާތަކަށް 2025 ވަނަ އަހަރު މާލީއެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން ކޮންމެ މީޑިއާ ނުވަތަ މީޑިއާ ހައުސްއަކުން ހުށަހެޅުމުގެ ފުރުސަތުދެވުނީ 1 އެޕްލިކޭޝަން ފޯމަށެވެ.

މީޑިއާތަކަށްދޭ މާލީ އެހީ ދޫކުރާނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާއި މި ކޮމިޝަނާ ދެމެދު އެއްބަސްވެފައިވާފަދައިން، އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މަޢުލޫމާތު ޔޫތު މިނިސްޓްރީއާ ހިއްސާކުރުމުން އެ މިނިސްޓްރީން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ފޮނުވުމުންނެވެ. އެގޮތުން 2025 ވަނަ އަހަރު މާލީ އެހީ ލިބޭ، ޝަރުތުތައް ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު 1 ޕޭމަންޓެއްގެ ގޮތުގައި ލިބޭނެއެވެ. މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަންދޭ ފުރަތަމަ ފަހަރެވެ. 

މިއަދު އޮންލައިން