ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން 768 އެޕްލިކޭޝަން އެޕްރޫވްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން 768 އެޕްލިކޭޝަން އެޕްރޫވްކޮށްފި

ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން މިހާތަނަށް 768 އެޕްލިކޭޝަނެއް އެޕްރޫވްކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ސްކީމްގެ ދަށުން ޖުމްލަ 909 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

"ހިޔާވެހި ފައިނޭންސިން" އަކީ މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަޝްރޫއެކެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން، އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ކުރިއަށްގެންދާ ސްކީމެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އެޕްލިކޭޝަން އެޕްރޫވްކޮށްފައިވަނީ ސަހަރު ކެޓަގަރީންނެވެ. އެޕްރޫވްކޮށްފައިވާ އެޕްލިކޭޝަންތަކުގެ ތަފްސީލަކީ:

  • ސަހަރު: 410 އެޕްލިކޭޝަން
  • ރަށްވެހި: 343 އެޕްލިކޭޝަން
  • ފަހިމާލެ: 15 އެޕްލިކޭޝަން

މި ޕްރޮގްރާމްގެ ދަށުން ތިން ސްކީމެއް ކުރިއަށްގެންދާއިރު، ފުރަތަމަ ސްކީމަކީ އަތޮޅުތަކުގެ ރަށްރަށަށް ހާއްސަ ގެދޮރު އިމާރާތްކުރުމުގެ ސްކީމެވެ. ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ދޫކުރާ މި ސްކީމްގެ ދަށުން 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ.

ދެވަނަ ސްކީމަކީ ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްރަށަށް ހާއްސަ ސްކީމެކެވެ. މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ބޭނުންވާ ގިނަ ބަޔަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ.

މިއަދު އޮންލައިން