ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އއ. ތޮއްޑޫއަށް ޝެޑިއުލް ސީޕްލޭން ދަތުރުތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، އެކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި ތޮއްޑޫ ކައުންސިލާ ދެމެދުގައެވެ.

މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް އެވެ. ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް އެވެ. މި އެއްބަސްވުމުގެ ދަށުން، ތޮއްޑޫގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ދަތުރުތައް ފެށުމުގެ ކުރިން އައިލެންޑް އޭވިއޭޝަންގެ ސީޕްލޭންގެ ޚިދުމަތްތަކާގުޅޭ އިސް މުވައްޒިފުންގެ ޓީމެއް ވަނީ ތޮއްޑޫއަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި ކައުންސިލާއި އެރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކާއި ބައްދަލުކޮށް، ޚިދުމަތް ދިނުމުގައި ހުރި ކަންބޮޑުވުންތަކާއި އިންތިޒާމުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، ސީޕްލޭންގެ ހިދުމަތް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި "ފެބުރުވަރީމަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ދަތުރުތައް ފެށުމަށް ވަނީ ނިންމާފައި" ކަމަށްވެސް ކަރަމް ވިދާޅުވިއެވެ.

ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރައީސް މިކަން އިއުލާންކުރެއްވީ މިދިޔަ އޮގަސްޓު މަހު އއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޚިދުމަތާއެކު ތޮއްޑޫގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން