ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގި މައްސަލާގައި، ހަސަން މަމްދޫހު (މަންޑޭ) 390 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މިއީ ރާއްޖޭގެ ޝަރުއީ ތާރީޚުގައި މިހާތަނަށް މީހެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.
ކޭ ޕާކް ތަރައްގީކުރާ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭގެ މައްޗަށް ދައުލަތުން އުފުލި 94 ދައުވާއެއް ވަނީ ޝަރީއަތަށް ސާބިތުވެފައެވެ. އޭގެ ތެރޭގައި ޓެކުމުގެ 46 ދައުވާއަކާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއަކާއި، މަނީ ލޯންޑްރިންގެ ދައުވާއެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ ހިމެނެއެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން ޓެކުމުގެ ކޮންމެ ދައުވާއަކަށް 8 އަހަރުގެ ރޭޓުން ޖުމްލަ 368 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން އޮޅުވާލުމުގެ ދައުވާތަކަށް 14 އަހަރު، މަނީ ލޯންޑްރިންގެ ކުށަށް 15 އަހަރު އަދި ސައްހަ ނޫން ލިޔުން ދިނުމުގެ ކުށަށް ދޮޅު އަހަރުގެ ޖަލު ހުކުމެއް ވަނީ ކަނޑައަޅާފައެވެ. ޖަލު ހުކުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 30 މިލިއަން ރުފިޔާއިން އޭނާ ވަނީ ޖޫރިމަނާކޮށްފައެވެ.
މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ މަންޑޭ ހުޅުމާލެއިން ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް އަމުރުކުރައްވާފައެވެ. އަދި ފައިސާ ނެގި މީހުންނަށް އެ ފައިސާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދިނުމަށްވެސް ކޯޓުން ވަނީ އަމުރުގައި ބަޔާންކޮށްފައެވެ.
މި މައްސަލާގައި މަންޑޭއާ އެކު ދައުވާލިބުނު ޖައިޝާން ސައީދުގެ މައްޗަށްވެސް ވަނީ ބޮޑު ހުކުމެއް އިއްވާފައެވެ. އޭނާގެ މައްޗަށް ސާބިތުވި 86 ދައުވާއާ ގުޅިގެން 150 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭގެ ތެރޭގައި ޓެކުމުގައި ބައިވެރިވުމާއި، އޮޅުވާލުމާއި މަނީ ލޯންޑްރިންއަށް އެހީތެރިވުމުގެ ކުށްތައް ހިމެނެއެވެ.
މި ހުކުމަކީ މީގެ ކުރިން ހުސައިން ޝިފާއުގެ މައްޗަށް އިއްވި 109 އަހަރުގެ ޖަލު ހުކުމުގެ ރެކޯޑް މުގުރާލި ހުކުމެކެވެ. ދައުވާތަކުގެ ގިނަކަމުން، ހަމައެކަނި އަދަބު ކަނޑައެޅި މިންވަރު އިއްވުމަށްވެސް ކޯޓުގައި ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވިއެވެ.