ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 11 ގައި ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 11 ގައި ހުޅުވާލަނީ

ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ހުޅުވާލުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ. މި ފުރުސަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި އޮންނާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ތުޅާދޫގެ ހައުސިން ޔުނިޓްތަކަކީ މީގެ ކުރިން ދޫކުރުމުގެ މަސައްކަތް ފަށައި، އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ ތަންތަނެވެ. ކުރީގެ ސަރުކާރުގައި މި ޔުނިޓްތައް ހަވާލުކުރުމުގެ ޒިންމާ ތުޅާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް، އެކުލަވާލި އުސޫލުތަކާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހެޅި، އެ މަސައްކަތަށް ވަނީ ގާނޫނީ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

މި މަޝްރޫއަކީ އެ ދެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހުމާއެކު، ޝަރުތު ހަމަވާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން