އެކިއެކި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން ޑިއުޓީ މަޢާފުކޮށް ރާއްޖެއަށް އެތެރެކުރާ އުޅަނދުތައް ޤަވައިދާ ޚިލާފަށް ބޭނުން ކުރަމުންދާނަމަ އެކަމަށް ފިޔަވަޅު އަޅައި، ޑިއުޓީ ނަގާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ. ކަސްޓަމްސްއިން މިކަން ހާމަކުރީ ނެރުނު ނޫސްބަޔާނެއްގައެވެ.
ކަސްޓަމްސްއިން ވިދާޅުވީ އެކިއެކި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން ޑިއުޓީ މަޢާފުކޮށް، ދިވެހިރާއްޖެއަށް އެތެރެކޮށްފައި ހުރި އުޅަނދުތައް، އެ މަޝްރޫޢެއް ނިމުމުން އަނބުރާ ރާއްޖެއިން ބޭރަށް ނުގެންގޮސް، އިމްޕޯޓް ޑިއުޓީ ނުދައްކައި އެކި ފަރާތްތަކަށް ކުއްޔަށް ދީ ގަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ އުޅަނދުތައް ހޯދައި ކަސްޓަމްސްގެ ކޮންޓްރޯލް ދަށަށް ގެނެސް، އެފަރާތްތަކުގެ މައްސަލަ ބަލާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި، މިފަދަ އުޅަނދުތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޑިއުޓީ ނެގުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދާނެ ކަމަށެވެ.
މި ބަދަލު ގެނެސްފައި މިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅި ކަންބޮޑުވުންތަކާގުޅިގެންނެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އެކިއެކި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން ޑިއުޓީ މަޢާފުކޮށް، އެތެރެކޮށްފައި ހުރި އުޅަނދުތައް އަނބުރާ ނުގެންގޮސް، އެކި ފަރާތްތަކަށް ކުއްޔަށް ދޭތީ އެކަމުގެ ޝަކުވާ އުފުލާފައެވެ.
މި ނިންމުމާއެކު، މަޝްރޫޢުތަކަށް ގެންނަ ތަކެތި ބޭނުންކުރުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ގާއިމުވެ، ވިޔަފާރިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަން ހަމަހަމަވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.