ސަރުކާރުގެ ޕްރޮޖެކްޓްތައް ބިޑަށް ހުޅުވާލާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭން އުސޫލު އިސްލާހުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
ސަރުކާރުގެ ޕްރޮޖެކްޓްތައް ބިޑަށް ހުޅުވާލާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭން އުސޫލު އިސްލާހުކުރަނީ

ސަރުކާރުގެ ޕްރޮޖެކްޓްތައް ބިޑަށް ހުޅުވާލާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދިނުމަށްޓަކައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް އިސްލާހުކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ފަށައިފިއެވެ. މިއީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.

މާލީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދައުލަތުގެ އޮފީސްތަކުން އާއްމުކޮށް އިޢުލާންކޮށްގެން ކުރިއަށް ގެންދާ ބީލަންތަކުގެ ތެރެއިން، ޖުމުލަ އަގުގެ ގޮތުން ވަކި އަދަދަކަށްވުރެ ކުޑަ ބީލަންތަކަކީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބީލަންތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި ބަދަލު ގެނައުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ މަޝްވަރާކުރުމާއި، ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބީލަންތަކުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލައި، މަރުހަލާތައް ލުއި ފަސޭހަކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ ބޭނުމަކީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގައި މިފަދަ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުވާނެ ގޮތަށް ނިޒާމު ބައްޓަންކުރުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހާއްސަ އިސްކަމެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އަދި އެފަދަ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި ނުދެއްކި ހުރި ޓެކުހުގެ ފައިސާ ސެޓްލްކުރާނެ ފަސޭހަ ގޮތްތަކެއް ހޯދުމަށް މީރާއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަޝްވަރާކުރަމުންދާ ކަމަށް މާލީ ވުޒާރާއިން މައުލޫމާތުދެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ޚިދުމަތްތަކާއި ފީތައް ވީ އެންމެ ކުޑަކޮށްދެވޭނެ ގޮތްތައް ވެސް ސަރުކާރުން ދަނީ ބަލަމުންނެވެ. ޚާއްސަގޮތެއްގައި، މިހާރު ޑޮލަރުން ދައްކަމުންދާ ފީތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް، ވީ އެންމެ އަވަހަށް އެ ބަދަލު ތަންފީޒުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި އިސްލާހުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް އެދެވޭ ހައްލެއް ލިބި، ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާ ދެއްކުމަށް ވެސް ފަސޭހަވެގެންދާނެއެވެ.

މިއަދު އޮންލައިން