ރާއްޖޭގެ ބޮޑު ސަރަޙައްދެއްގައި ދުރު ފެންނަ މިންވަރު ދަށްވެ، އާންމު ސިއްޙަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގެ ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ. މެޓު އޮފީހުން ވިދާޅުވީ، އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދުތަކަށް ސިއްޙަތަށް ނުރައްކާވާ މިންވަރަށް މިއަދު ވައި ނުސާފުވެފައިވާ ކަމަށެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި، ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވެ މިހާރު ވަނީ "ރެޑް އެލަރޓް" އަށް އަރާފައެވެ. ކުރިއަށް އޮތް 6 ގަޑިއިރުވެސް ވައި ހުންނާނީ ނުރައްކާ މިންވަރެއްގައި ކަމަށް ލަފާކުރެވޭތީ، ސިއްޙީގޮތުން އެއްވެސް މައްސަލައެއް ނެތް ފަރާތްތަކުންވެސް މިއަދު ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ވައިގެ ނުސާފުކަން ހުރި މިންވަރަށް ބަލާއިރު، ރާއްޖޭގެ އެއަރ ކޮލިޓީ ބަލަހައްޓާ ވިލިމާލޭގައި ހުންނަ ސިސްޓަމުން ދައްކާގޮތުން މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރި މިންވަރު ވަނީ 193 އަށް އަރާފައެވެ. މީގެ އިތުރުން ދ. ކުޑަހުވަދޫގައި ހުންނަ މޮނީޓަރިންގ ސިސްޓަމުން ދައްކާގޮތުން އެ ސަރަޙައްދުގެ ވައިގެ ކޮލިޓީ ހުރީ 162 ގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ މި ހާލަތުގެ ސަބަބުން ދުރު ފެންނަ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ވައިގެ ހާލަތު ރަނގަޅުވެ، ދުރު ފެންނަ މިންވަރު އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް ބެލެވެނީ އަންނަ ހޮނިހިރު ދުވަހުގެ ފަހުން ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.