އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހިންގާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން 17 އަތޮޅެއްގެ 17 ހާހަށްވުރެން ގިނަ ގޭބިސީއަށް ޒިޔާރަތްކުރެވިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަރީރު މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ވުޒާރާއިން އެންމެ ފުޅާކޮށް ކުރެވޭ މަސައްކަތަކީ ދަތިކަމަކާއި ހަމައަށް އާއިލާއެއް ދިއުމުގެ ކުރިން އެމީހުންނަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތްކަމުގައި ވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކޮށް، ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މަސައްކަތްކުރެވިގެންދެއެވެ.
އަޅުގަނޑުމެންނަށް އެންމެ ފުޅާކޮށް ކުރެވޭ މަސައްކަތަކީ ދަތިކަމަކާއި ހަމައަށް އާއިލާއެއް ދިއުމުގެ ކުރިން އެމީހުންނަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތް. އެގޮތުން، އަޅުގަނޑުމެންގެ ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން 17 އަތޮޅެއްގެ 17 ހާހަށްވުރެން ގިނަ ގޭބިސީއަށް ވަނީ ޒިޔާރަތްކުރެވިފައި. މިއިން ކޮންމެ ގޭބިސީއަކަށް އަޅުގަނޑުމެންނަށް ޒިޔާރަތްކުރެވޭއިރު، ހަމަ ޝުކުރުވެރިކަމާއި އެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އެ އާއިލާތަކުން އަޅުގަނޑުމެންނާއި ދޭތެރޭގައި އެ ހިތްތަވާގޮތާއި އަދި ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުން އޮތްވަރު.
ހަބަރު: ސަރުކާރު