މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު ފެނިއްޖެ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ކ. ވާދޫ ކައިރިންނެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ “ބަލަމާ 6” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:27 ހާއިރުއެވެ.
މި ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައެވެ. ނަމަވެސް ބާކީ ތިބި ދެ މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިން ފެނިފައިވާ ކަމަށެވެ. ފެނިފައިވަނީ ގެއްލުނު ދިވެހި މީހާގެ ހަށިގަނޑު ކަމަށާއި، އެ ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި ގެއްލުނު އަނެއް މީހަކީ ބަނގުލަދޭޝް މީހެކެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރުވެސް ދަނީ ކުރަމުންނެވެ.