ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްޗަށް އެހެން އެއްވެސް ގައުމަކަށްވުރެ ރާއްޖެއަށް އޮތް ހައްގު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނެއްކާވެސް ވިދާޅުވެއްޖެއެވެ. އިނގިރޭސި ޓެބްލޮއިޑް އެކްސްޕްރެސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ތާރީހީ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ރާއްޖެއާއި ފޯޅަވަހީގެ މެދުގައި ވަރަށް ބޮޑު ގުޅުމެއް އޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، ފޯޅަވަހީގެ މައްސަލާގައި ރާއްޖޭގެ ކަންބޮޑުވުންތަކާއި ރާއްޖޭގެ ދައުވާއަކީ ކޮބައިކަން ވަރަށް ތަފުސީލުކޮށް ރަސްމީ މުވާސަލާތުތަކުގެ ޒަރީއާއިން ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައެވެ. ރާއްޖެއިން އިނގިރޭސި ސަރުކާރަށް ފޮނުއްވި ސިޓީއެއްގައި، ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ހައްގު އޮތްކަން ހާމަކުރައްވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއާއި ރާއްޖޭގެ މެދުގައި އޮތް ތާރީހީ ގުޅުމަކީ ލިޔެކިޔުމުން ފެންނަން އޮތް ގުޅުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ”އެ ގުޅުންތަކުގެ ސަަބަބުން ޗާގޯސްގެ މައްޗަށްް ސިޔާދަތީ ބާރު ލިބުމުގެ ހައްގު އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް ރާއްޖެއަށް އޮންނާނެ“ ކަމަށެވެ. ޖިއޮގްރަފީގެ ގޮތުން ބަލާއިރު، މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއީއާއި ޗާގޯސްއާ ދެމެދު 1,300 މޭލުގެ ދުރުމިން ހުރި ނަމަވެސް، ރާއްޖޭގެ ވެރިރަށް މާލެއާއި ޗާގޯސްއާ ދެމެދު ހުންނަނީ އެންމެ 310 މޭލެވެ.
ފޯޅަވައްސަކީ ދިވެހިން އިހުގައި ދަތުރުކޮށް އުޅުނު އަތޮޅަކަށް ވާއިރު، ބައެއް ދިވެހި ރަސްކަލުންގެ ލިޔުއްވުންތަކުގައިވެސް އެއީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ޗާގޯސް މައްސަލައަކީ ހަމައެކަނި ޖިއޯޕޮލިޓިކްސްއާ ގުޅުންހުރި ކަމެއް ނޫނެވެ. އެއީ ތާރީހީ ހަގީގަތްތަކާ އެއްގޮތަށް ސިޔާސަތު އެކަށައެޅުމާއި، އަދުލުވެރިވުމާއި، އިނގިރޭސި ދައުލަތުގެ ދުވަސްވީ ބައިވެރިއެއްގެ އަޑުއެހުމާ ގުޅުންހުރި މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޗާގޯސް މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ވަނީ ފާޑުވިދާޅުވެފައެވެ. ޓްރަމްޕް އެ ނިންމުން ސިފަކުރެއްވީ އިނގިރޭސި ސަރުކާރުން ނިންމި ”މޮޔަ“ ނިންމުމެއްގެ ގޮތުގައެވެ. މި މައްސަލާގައި ރާއްޖޭގެ ދައުވާގެ ބުރަދަން އެހެން ގައުމުތަކަށްވުރެ ބޮޑުވާނެކަން ރައީސް މުޢިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ.