ފަރުޟްނަމާދުތަކާ އެއްފެންވަރަށް ސުންނަތް ނަމާދުތަކަށް ސަމާލުކަން ނުދީ ޤިޔާމަތް ދުވަހު ސަލާމަތްވެވުމަކީ ދުރުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ފަރުޟްނަމާދުތަކާ އެއްފެންވަރަށް ސުންނަތް ނަމާދުތަކަށް ސަމާލުކަން ނުދީ ޤިޔާމަތް ދުވަހު ސަލާމަތްވެވުމަކީ ދުރުކަމެއް!

ދުނިޔަވީ މިޘާލަކުން ފަށާނަމެވެ. ފިހާރައަކުން ވިޔަފާރިކުރީއެވެ. އަގުއަދާކުރަން ބަލައިލިއިރު ވޮލެޓުގައި ފައިސާއެއް ނެތެވެ. ނުވަތަ އަތުގައި ހުރި ފައިސާއިން ޢަދަދު ހަމައެއް ނުވިއެވެ. ކޭޝްކާޑު އަތުގައި އޮތްނަމަ އެއީ މައްސަލައަކަށް ނުވާނެއެވެ. ޤިޔާމަތް ދުވަހުވެސް މިފަދަ ޙާލަތެއް އެބަކުރިމަތިވެއެވެ. ވީމާ ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ!  

ފަރުޟް ނަމާދުތަކަށް ރައްކައުތެރިވާ މީހުންގެ ތެރޭގައިވެސް ސުންނަތް ނަމާދުތަކަށް އިހްމާލުވާ ބައަކު އުޅެއެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ވެވޭ ވަރަށް ބޮޑު އިހްމާލެކެވެ.  

ބާލީޣްވުމަށްފަހު ނަމާދަށް ދަރަން ފަށައެވެ. މުސްލިމުންގެ ތެރެއިން ގިނަ މީހުންނަކީ އެމީހާގެ މައްޗަށް ފަރުޟު ކުރެއްވެވި އެތައް ބައިވަރު ނަމާދުތަކެއް ނުކުރެވި ދޫކޮށްލެވިފައިވާ މީހެކެވެ.  

ހަމަ އެއާއިއެކު ކުރެވޭ ފަރުޟު ނަމާދުތަކުގެ ތެރެއިންވެސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ކުރެވެނީ ކިތައް ނަމާދުކަމެއް ނުވަތަ އެފެންވަރުގައި އެންމެ ނަމާދެއްވެސް ކުރެވުނުކަން އެނގެނީއެއް ނޫނެވެ.  

ވީމާ ނަމާދުގެ ހިސާބު ބައްލަވާއިރު މައްސަލަތައް ކުރިމަތިވާނެކަން ޤަބޫލުކުރަންޖެހެއެވެ. އަދި ސަލާމަތްވެވޭނެ މަގު ހޯދަން ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. އެކަމަށް އޮތް މަގަކީ ފަރުޟް ނަމާދުތަކަށް ރައްކައުތެރިވުމާއި ވީހާގިނައިން ސުންނަތް ނަމާދުތައް ކުރުމެވެ.  

ބައެއް ޢިލްމުވެރިން ސުންނަތް ނަމާދުތައް ސިފަ ކުރައްވަނީ ސުވަރުގެ ލިބިގަތުމަށްޓަކައި ޤިޔާމަތް ދުވަހު އެމީހ އާއިއެކު ގެންދަން އެއްކުރާ ރިޒަރވް މުދަލުގެ ގޮތުގައެވެ. ވީމާ މި ރިޒަރވް މުދައު ވީހައި ގިނައިން އެއްކޮށް ޖަމާކުރަން ގަދައަޅައި މަސައްކަތް ކުރާށެވެ!  

"ޤިޔާމަތް ދުވަހު ފަރުޟު ނަމާދުގެ ހިސާބު ބެއްލެވޭ ހިނދު އެ ނަމާދުގެ ހިސާބު ފުރިހަމަ ނުވެއްޖެ ނަމަ، އެމީހަކު ސުންނަތް ނަމާދުތަކެއް ކޮށްފައިވާނަމަ، ސުންނަތް ނަމާދުން ފަރުޟު ނަމާދުގެ ހިސާބު ފުރިހަމަކުރެވިގެންދާނެއެވެ."

އަލްތިރްމިޒީ 413 

މި ޙަދީޘްފުޅުންވެސް އެނގިގެންދަނީ ސުންނަތް ނަމާދަށް ރައްކައުތެރިވުމުގެ މުހިންމުކަން ބޮޑުކަމެވެ. ވީހައި ގިނައިން ސުންނަތް ނަމާދު ކުރަން ޖެހޭކަމެވެ. ހަމައެކަނި ފަރުޟު 5 ނަމާދު ކޮށްލައިގެން ސަލާމަތް ވެވެން ނެތް ކަމެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސުންނަތް ނަމާދަކީ އެމީހަކު ބޭނުންވާ ވަރަކަށް ދިގު ކުރެވިދާނެ ނަމާދެކެވެ. ނަމަވެސް ވަގުތު ނެތިގެން ކުރުކުރަން ބޭނުންނަމަ އެކަން ވެސް ކުރެވެން އޮތް ނަމާދެކެވެ. ޢާންމުކޮށް ސުންނަތް ނަމާދުކުރާ މީހަކަށް ސުންނަތް ނަމާދެއް 3، 4 މިނިޓް އިރުނެ ކުރެވޭނެއެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އެންމެ މަދުމިނުން ރަވާތިބު ސުންނަތާއި ވިތްރި ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ.  

ވިތުރިއަކީ އެންމެ ރަކްޢަތަކުންވެސް ކުރެވިދާނެ ނަމާދެކެވެ! ވިތުރިގެ 1 ރަކްޢަތް ނަމަވެސް ކުރަން އާދަކޮށްފިމީހަކަށް އެވަރަކުން ނުފުދޭނެއެވެ. 3 ރަކްޢަތް ކުރަންފަށާނެއެވެ. އަދި އެއަށްވުރެވެސް ދިގުކޮށް ކޮށްގެން ނޫނީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.  

ބޭނުންވަނީ ހިތްވަރެވެ. ޢަޒުމާއި ޘާބިތުކަމެވެ. ނަރަކައިން ސަލާމަތްވުމަށް ޢަޒުމް ކަނޑައަޅާށެވެ. އެއިރުން ސުވަރުގެ ވަންނަން ހިތްވަރުކުރަން މަގުފަހިވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން