ކިތަންމެ ގިނަ އުނިސިފަ ހުއްޓަސް ތިމާއެދޭގޮތަށް ބަދަލުވާންހުރި މީހަކާ ވަކިނުވާށެވެ! ބަދަލުވާން ބޭނުންވާނީ ހާދަބޮޑަށް ލޯބިވާތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކިތަންމެ ގިނަ އުނިސިފަ ހުއްޓަސް ތިމާއެދޭގޮތަށް ބަދަލުވާންހުރި މީހަކާ ވަކިނުވާށެވެ! ބަދަލުވާން ބޭނުންވާނީ ހާދަބޮޑަށް ލޯބިވާތީއެވެ!

ގިނަ ފަހަރު ލޯބިވަނީ އަނެކާގެ އުޅުން ހުންނަ ގޮތަށް ބަލައިގެނެއް ނޫނެވެ. ސިފައަށް ނުވަތަ ތަނަވަސްކަމަށް ބަލައިގެންނެވެ. ލޯބިވުމަށްފަހު އަނެކާގެ ކިބައިގައި ހުންނަ އުނިސިފަތައް ފެނުމުން ވަކިވާ މީހުންވެސް މަދެއް ނޫނެވެ. 

ބުނެލަން އޮތީ އަނެކާގެ ކިބައިގައި ކިތަންމެ ގިނަ އުނިސިފަތަކެއް ހުރިނަމަވެސް ތިބާ ބޭނުންވާ ގޮތަށް އިޞްލާޙްވާން ހުރި މީހަކާ ވަކިނުވާށެވެ! ތިބާއެދޭގޮތަށް ބަދަލުވާން ބޭނުންވާނީ ތިބާދެކެ ހާދަބޮޑަށް ލޯބިވާތީއެވެ! އެއީ ވަރަށް މަދު ބައެކެވެ. 

ގުޅުންހުރި ލިޔުމެއް-: 

އަހުރެންގެ އަނބިމީހާ އާއި ލޯބީގެ ގޮތުން އަހުރެން ގުޅުނީ އިސްލާމްވުމުގެ ކުރިންނެވެ. އަހުރެން އިސްލާމް ދީން ދަސްކޮށް އިސްލާމްވުމަށް މަސައްކަތްކުރަމުން އަންނަކަމެއް އޭނާއަކަށް ނުއަންގަމެވެ. 

އަހުރެން އިސްލާމްވާން ނިންމައި އޭނާއާއި ވަކިވުމަށް ނިންމީމެވެ. އޭނާއަކީ މުސްލިމަކަށްނުވެފައި ހެދުން އެޅުން ފަދަ ކަންކަންކުރާ ގޮތުންނެވެ. އެފަދަ އަންހެނަކާއިއެކުގައި އުޅެން ބޭނުން ނުވާތީއެވެ. 

އަހުރެން އޭނާއާއި ވަކިވާން ނިންމައި އޭނާއަށް ފޯނުކޮށްފައި އަހުރެން މިއުޅެނީ އިސްލާމްވާން ކަމަށާއި އޭނާ ފަދަ އަންހެނަކާއި ގުޅިގެން ނުއުޅެވޭނެކަމަށް ބުނުމުން ރޮމުން ދިން ޖަވާބު އެނގޭހެއްޔެވެ؟ "އަހުރެން ވެސް މިއުޅެނީ އިސްލާމްވާންވެގެންނެވެ. ޙިޖާބް އަޅަންވެގެންނެވެ. އަހުރެންނާއި ވަކިނުވާށެވެ!" 

އޭނާ ރުއި ރުއިމަށް ބަލައި ވަކިނުވާން ނިންމީމެވެ. ދެމީހުންވެސް އިސްލާމްވީއެވެ. ކައިވެނިވެސްކުރީއެވެ. ކައިވެންޏަށް މިހާރު 12 އަހަރުވެއްޖެއެވެ. ފަހުން އެނގުނު ގޮތުގައި ދެމީހުން ވަކިވާން އަހުރެން ބުނި ދުވަހު އޭނާ އިސްލާމްވާން އުޅޭކަމަށް ބުނީ އަހުރެން އެހެން ބުނުމުން އަހުރެންނާއި ވަކިވާން ބޭނުންނުވާތީއެވެ. 

ކޮންމެއަކަސް އަހުރެމެންގެ ދިރިއުޅުމަކީ ވަރަށް ކާމިޔާބު ދިރިއުޅުމެކެވެ. އެކުގައި ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުންނެވެ. ވަރަށް ލޯބިންނެވެ. މިކަމުން އަހުރެންނަށް ދަސްވި ފިލާވަޅަކީ ތިމާ އާއި ކައިވެނިކުރަން ބޭނުންވެގެން ތިމާއެދޭގޮތަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ބައިވެރިއަކު ލިބިއްޖެނަމަ އެމީހަކާއި ވަކިވެގެން ނުވާނެ ކަމެވެ. ޢުމުރަށް އެކުގައި އުޅެން މަސައްކަތްކުރަންވާނެކަމާއި ދިރިއުޅުން އުފާވެރިވާނެ ކަމެވެ.   

މިޒުވާނާ އެކިޔައިދިނީ އޭނާ ޢަމަލުކުރިގޮތުގެ ވާހަކައެވެ. ލޯބިވެރިޔާގެ ރުއިމުގެ އަޑުއެހުމުން އޭނާއަށް ކުރި ބޮޑު ފައިދާގެ ވާހަކައެވެ. ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ. އަހަރެމެންނަށް މިއުޅެނީ ކައިވެނިކޮށްގެން އެކުގައި އުޅޭ ބައިވެރިޔާ ރޯރުއިމާއި ކުރާ އާދޭސްތަކުގެ އަޑު ނުއެހިގެންނެވެ. އަހަރެމެންނަށް މިތިބީ ކީއްވެފައިހެއްޔެވެ؟

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން