އަރަހުށި މާތްރަސްކަލާނގެ قِيَامَة قَائم ކުރެއްވުމަށް އިރާދަކުރައްވައިފިއްޔާ، اِحيا ގައި އަހަރެމެން بيان ކޮށްފައި އެވާ ސިއްރުތަކުގެ މައްޗަށް އަދި ތާޅަފިލި ފުންމެވުމުގެ ކުރިއަށްވެސް ފަރުބަދަތައް އުދުހި ވިލާތައް ހިގައިދާ ފަދައިން، ދާންފަށައިފާ ހުއްޓެވެ. ކަނޑުތަކުގެ ފެންތައް އެއްގަމަށް އަރައި އަދި އެފެންތަކުގައި އަލިފާންރޯވެ، އެއްކަނޑު އަނެއްކަނޑަށް ، އެޅޭންފަށައިފާނެއެވެ.
ދެން ތާޅަފިލީގެ އަޑު އަތުވެދާހުއްޓެވެ. އެހިދު ގައި އިރުއެކި ފުށްފުށަށް ދިގުވެ އޮޅި ފަތްޖެހި ނޫރުކެނޑިދާ ހުއްޓެވެ. ފަރުބަދަތައް ހަވަޔަށް ކުޑިތަކެއް ހެން ބުރަބުރައިގެން ދާންފަށައިފަހުއްޓެވެ. عالم ތައް އެކަތި އަނެކައްޗަށް ވަންނާން ފަށައިފާހުއްޓެވެ. ގިލަފައްޗެއްގެ ރޮދިކެނޑިގެން ފޮތިތައް ފައިބައިގަންނަހެން ތަރިތައް ވެރި ފައިބާން ފަށައިފާ ހުއްޓެވެ. ފަލަކުތައް އިހުނާއި ތަފާތުކޮށް އަވަސް އަވަހަށް އެނބުރިގެންފާ ހުއްޓެވެ. ބިންގަނޑު ތެޅިފޮޅި ބައެއްފަހަރަށް ކުރުގެޅި ބައެއްފަހަރަށް ދެމިދެމިގެން ދާން ފަށައިފާހުއްޓެވެ. ދޮތްވަކުތަޅާ ބާހަމެއްހެން ވެދާހުށި. ފަލުތައް އެހުރި مركز ތަކުން ނެއްޓި ނެތިދިއުމަށް މާތްރަސްކަލާނގެ އަމުރު ކުރައްވައިފުމަށް ދާނދެން މިގޮތަށް ކަންތައް ހިގައިފާހުއްޓެވެ.
كرسى ގައްޔާއި ހަތްއުޑުގައްޔާއި ބިންތަކުގައި އެއްވެސް ދިރޭ ފުރަނައެއް ނުހުންނަހުއްޓެވެ. ހުރިހައި އެއްޗެއްގެ نفس ތައް ނެތިމަރުވެހިގައިދާ ހުއްޓެވެ. روحانى އެއްޗެއް ކަމުގައިވިޔަސް އެއެއްޗެއްގެ رُوح ވެސް ނެތި މަރުވެ ހިގައިދާހުއްޓެވެ. ބިން އެބިން عَمَارَة ކޮށްގެން އުޅުނު މީހުންނާއި ތަކެތީން ހުސްވެދާހުއްޓެވެ. އުޑުތައް އެއިގެ ވަޒަންވެރީންނެތި ނިމިދާ ހުއްޓެވެ.
ދެންފަހެ ގަދަކީރިތިވަންތަ اللهُ سُبْحَانَهُ وَتَعَالى މިފަދަ مقام ގާ ގަދަކީރިތި ވަންތަ ކަމާއިގެން ފަދައެއް مِثَال އެއްނެތި، ޒަމާނަކަށް މަކާނަކަށް ހަމަ އިހުފަދައިން ބޭނުމެއްނުވެ ވޮޑިގެން ހަތްއުޑާއި ބިންތަކާއި، އެކަލާނގެ يدقدرَة ފުޅުން ހިފަހައްޓަވައި މިފަދައިން وحى ކުރައްވާ ހުއްޓެވެ.
"އޭ ވިޔާނުދާ ދެރަ ދުނިޔެއާއެވެ. އިބަގެ ވެރީންތައް ކޮބައިތަ؟ އިބަގެ ޒީނތްތެރިކަމުން ފިތުނަވެރިކޮށްގެން އުޅުނު މީހުންތައް ކޮބައިތަ؟
އިބަގެ ޖާދޫގައި ޖެހި آخرة ފިއަވައި مشغول ވެގެންއުޅުނު މީހުންތައް ކޮބައިތަ؟"
ދެން އެކަލާނގެ އަމިއްލަޒާތުފުޅުގެ މައްޗަށް އެކަލާނގެ އިރާދުކުރެއްވި ثنا އަކުން ثنا وحى ކުރައްވާނެތެވެ. އަބަދަށް ދެމިވޮޑިގެން ވުމުންނާއި ދެމިގެންވާ عزّة ތެރިކަމުންނާއި، ފަނާވުމެއްނެތް ރަސްކަމުންނާއި، ގަދަފަދަ قدرة ތެރިކމުންނާއި، އަލިވެ ފައުޅުވެގެންވާ حكمة ތެރި ކަމުންނާއި، މާތްބަސްފުޅުތައް وحى ކުރައްވާނެތެވެ. ދެން وحى ކުރައްވައިފާހުއްޓެވެ. لِمَن الْمُلْكُ الْيَومَ އަދުގައި ރަސްކަން އޮތީ ކާކަށްހެއްޔެވެ؟ ދެންހަމަ އެކަކު ޖަވާބެއް ނުދަންނަވާނެތެވެ. ޖަވާބެއް ދަންނަވާކަށެއް އެއްވެސް ފުރާނައެއް ނެތެވެ. ދެން އެޒަމާނުގެ ދިގުކުރުމިނެއް އެކަލާނގެ ނޫން އަނެކަކަށް އެނގިވެގެންނުވާ އެތައް ޒަމާނަކަށް ފަހުގައި ހަމަ އެކަލާނގެމެ للهِ لْوَاحِدُ الْقَهَّارِ ، ހައްދަވައި ފަނާކުރައްވާ ގަދަކީރިތިވަންތަ އެއްކައުވަންތަ ﷲ އަށެވެ. މިހެން ޖަވާބުދެއްވައިފާ ހުއްޓެވެ.
ދެން އިހަށް އެކުރެއްވި ކަންތަކަށްވުރެ ބޮޑު ކަމެއް ކުރައްވައި އުޑުތަކާއި ބިންތައް މާކުޑަގޮތަކުން ހިފަހައްޓަވައި އެތަކެތި އެކަލާނގެ قدرة ތެރިކަމުން ހަލުވައިލައްވައި وحى ކުރެއްވާނެތެވެ.
އަހުރެންނީ، حساب ބައްލަވައި އިންސާފު ކުރައްވައި جزاء ދެއްވާ ކަލީމެވެ. އޭތި މީއްޗަށް އަޅުކަންކުޅަ މީހުން ކޮބައިތަ، އަހުރެންގެ رزق ކައިގެން އަހުރެންނަށް އުރެދި އަހުރެންނާއި އެހެން ތަކެއްޗާއި شريك ކޮށް އުޅުނުމީހުން ކޮބައިތަ ދުނިޔޭގައި އިންސާފަކާއި ނުލައި ގަދަފަދަކަން ދެއްކި جبّار ންތައް ކޮބައިތަ. كبر ވެރިވެ އަހުރެންގެ އަޅުތަކުންގެ މައްޗަށް فخر ވެރިވެ އުޅުނު މީހުންތައް ކޮބައިތަ. لٍمَنِ الْمُلْكُ الْيَومَ އެވެ. ދެންހަމަ އިހުފަދައިން އެތައް ޒަމާނެއް ވެއަތުވެ ހިގައިދާހުއްޓެވެ. އެއިރު عَرشى ން ފަށައިގެން މި مقام އަށްދާނދެން އެއްވެސް ދިރޭފުރާނައެއް ނުހުންނަ ހުއްޓެވެ.
ސުވަރުގޭގައިވާ ކުދިންތަކުންނާއި حُوْرالعيىن ންނަކަށް މިއިން ނިދާއެއް ނުއިއްވަވާ ހުއްޓެވެ. ދެންފަހެ އަރަހުށި މާތްރަސްކަލާނގެ سَقَر އެވެކިޔޭ ނަރަކައިގައި ހުންނަވަޅެއް كشف ކުރައްވައިފާ ހުއްޓެވެ. އެއިން ނުކުންނަ އަލިފާނެއްގެ ގަދަކަމުން ސައުދަ ކަނޑު އަނދައި މުޅި ބިންގަނޑު އަނދައި ދެއްޔަށްވެ ހުލިވެ އުޑުތައް ވިރި ފައިބާ ހުއްޓެވެ. އުޑުތަކުގެ މައްޗަށް އަރައިގެންދާން ފެށުމުން މާތްރަސްކަލާނގެ އެކަން مَنَعَ ކުރައްވައިފާހުއްޓެވެ. ދެން އަލިފާންނިވި ހިގައިދާހުއްޓެވެ.
ދެން މާތްރަސްކަލާނގެ އަމުރުފުޅަށް عرشى ގައިވާ خزانة އެއް ހުޅުވިދާހުއްޓެވެ. އެ خَزَانَة ގައިވަނީ بَحْرُ الْحَيَاة އެވެ. ދެން ބިންމައްޗަށް ވަރަށް އޮލަ ވާރޭއެއް ވެހިގެންފާނެއެވެ. އެއިރު ބިމުން އޮތް އެތިކޮޅެއް އޮންނަހުށީ ފެނަށް ބޭނުންވެ ހިކިމަރުވެ ހިނދިފައެވެ. ދެންފަހެ ބިންގަނޑު ތޮޅިލައި ދިރި ހެލިފެލި ވާން ފަށައިފާހުއްޓެވެ. ސާޅީސް މުށުގެ މައްޗަށް އެފެން އަރައްޖައުމަށް ދާދެން ވެހޭހުއްޓެވެ. ދެންފަހެ، خَلْق ންގެ ހަށިތައް އެއުރެންގެ ޅިދުކަށިގަނޑުން ހަލާކު ނުވެ އޮންނަތަން ކޮޅަކުން ފެށިގެން އުފެދި ބޮޑުވެދާ ހުއްޓެވެ. حديث ގައި ވެޔޭ، އިންސާނާ އުފެދުނީ ޅިދުކަށިގަޑުންނެވެ އަލުން إعاد ވާހުށީވެސް އެއެތިކޮޅުންނެވެ. އަދި އަނެއް حديث ގައިވެޔޭ މުޅިހަށިގަނޑު ބައުވެ ފީވެދާއިރުވެސް ޅިދުކަށިގަނޑުގެ ކުޑައެތިކޮޅު ފީނުވާހުއްޓެވެ. އެހަށިގަނޑު إعاد ވާހުށީވެސް އެއިންނެވެ .
އެއެތިކޮޅަކީ، حِمَّص އެއްގެ މިންވަރުގައި މަދެއް ނެތި އޮންނަ އެތިފުކެކެވެ. ހަށިތައް އުފެދިގަންނަނީ އެއެތިކޮޅުންނެވެ. ދެންފަހެ ހަށިތައް އުފެދިގެން ދާއިރު، އެހަށިތައް ހުންނަހުށީ، މަތިމަމައްޗަށް އެޅި އެތުރިފައެވެ. މިމީހާގެބޯ އަނެއްމީހާގެ ބައިމައްޗާ ހަމައިގައި އަނެއްމީހާގެ އަތް އަނެކެއްގެ އުނަގަނޑާ ހަމައިގައި މިހެން އެގޮތްމިގޮތަށް އެޅި ފެތުރި އަދި ފުނިފުންޏަށް ގިނަގުނަވެފައި ހުންނަހުއްޓެވެ. އެއީ މާތްރަސްކަލާނގެ ބާވައި ލެއްވި މި آية ގެ معن އިގެ މައްޗަށެވެ. قَدْ عَلِمْنَا مَا تَنْقُصُ الْاَرضُ مِنْهُمْ وَعِنْدَنَا كِتَابٌ حَفِيْظٌ މިވާހަކަތަކާއި މި آية ގެ تَفْسِيْرُ އަހަރުމެން اِحْيَاء ގައި ބަޔާންކޮށްފައި ހުންނަހުއްޓެވެ. ދެންފަހެ މިއުފެދުނު އުފެދުން ފުރިހަމަވާ ހިނދުގައި ހުންނަހުށީ އެމީހަކު މަރުވީއިރު، ކުއްޖެއްކަމުގައިވާނަމަ ކުއްޖަކަށް ޒުވާނެއްކަމުގައިވާނަމަ ޒުވާނަކަށް، މުސްކުޅިއެއް ކަމުގައިވާނަމަ މުސްކުޅިއަކަށް ދެވަން ފުރައިގެ މީހެއް ކަމުގައިވާނަމަ އެކަހަލަ މީހަކަށް އަންހެނެއްކަމުގައިވާނަމަ އަންހެނަކަށް ފިރިހެނެއްކަމުގައިވާނަމަ ފިރިހެނަކަށް މިހެން ފުރިހަމަވެފައެވެ.
ދެންފަހެ ކީރިތި ވަންތަ ކަލާނގެ އަމުރު ފުޅަށް عرشى ގެ ކައިރީން އަންނަލުއި ހޫނުކަމެއް ހުރި ވަޔެއް އައިސް ބިންގަނޑު كشف ކޮށް ފައުޅު ކޮށްފާނެއެވެ. އެއްވެސް އަޑިތަނެއް އުސްތަނެއްނެތި ލެބުމެއް ގުދުކަމެއްނެތި ދިމާ ތެދުތެދަށް އޮތް ހަމަ ބިމަކަށް ވެދާހުއްޓެވެ. ދެން އަރަހުށި މާތްރަސްކަލާނގެ سَيِّدنَا إسْرِافِيْل ގެފާނުން ދިރުއްވައިފާ ހުއްޓެވެ. އެކަލޭގެފާނު بيت الْمُقَدّس ގެ صَخْرَة ގެ މައްޗަށް ތެދުވެވަޑައިގަތުމާއެކު، ތާލަފިލި ފުންމަވާފައި ހުއްޓެވެ.
ތާޅަފިއްޔަކީ، ނޫރުން ހައްދަވައިފައިވާ އެއްޗެކެވެ، އެއިގައި ސައުދަ ދައުރުވެއެވެ. ފުރާނަލައި ހެއްދެވިހައި ތަކެއްޗެއްގެ عدد އަށް އޭގައި ލޯވަޅުތައް ވެއެވެ އެލޯވަޅުތަކުން ހެއްދެވިހައި ތަކެތީގެ ފުރާނަތައް ނުކުމެގެންގޮސް އެފުރާނައެއްގެ ހަށިގަނޑަކަށް އެފުރާނައެއް ވަދެދާހުއްޓެވެ. އެފުރާނަތަކަށް އެކަމަށް إلهام ކުރެއްވިކަލާނގެ ހުސް طَاهِرُ ވަންތަކަން ބޮޑުކަމާއެވެ.
ވަލުޖަނަވާރަކަށް ދާނދެން ދޫނިސޫފާ ސޫތްޕަކަށް ދާނދެން އޮޅުމެއް ތޮޅުމެއް ލަހެއް ފަހެއް ނެތި އެފުރާނައެއް ވަންނަހުށީ ހަމަ އެފުރާނައިގެ ހަށިގަނޑަށެވެ. އެއިރުން އެއުރެން ތިބޭހުށީ މާތްރަސްކަލާނގެ وحى ކުރެއް މި آية ގައިވާ ފަދައިންނެވެ. ثُمَّ نُفِخَ فِيْهِ اُخرَى فَاِذَاهُمْ قِيَامٌ يَنْظُرُونَ މި آيةގެ معن އީ، ދެންފަހެ އޭގައި އަނެއްފަހަރު، ފުން މެވިއްޖެއްޔާއި، އެއުރެން ތިބޭހުށީ، ތެދުވެ ބަލަހައްޓައިގެންނެވެ. زَجْرَة އަކީ، ނުލާހިކު ގަދަވެގެންވާ އަޑެވެ. އެކަލާނގެ وحى ކުރައްވާފައިވެޔޭ فَاِنَّمَا هِيَ زَجْرَةٌ وَاحِدَةٌ فَاِذَاهُمْ بِالسَّاهِرَة، މި آية ގެ معن އީ، އެވާކަން ކަށަވަރީ ގަދަވެގެންވާ އެންމެ އަޑެއްކަމުގައެވެ.
އެހައިރުން އެއުރެން ތިބޭހުށީ سَاهِرَة ގައެވެ. ساهرة އަކީ ތިރިވެގެންވާ ބިމެވެ. މިހެނީ އެއުރެން ފުންމައިގެން ތެދުވެ ލޯހުޅުވައިލާ ހިނދުގައި ދެކޭހުށީ ފަރުބަދަތައް ނެތިގެން ކަނޑުތައް ހިކިގެން ބިންމަތީގައި އެއްވެސް އަޑިގުޑަން ތަނެއްނެތި އެކީ އެކައްޗަކަށް އޮތް ހަމަބިމެކެވެ. ދެން އެންމެން ތެދުވެعجائب ވެ حيران ވެގެން އެމީހަކު ތެދުވި ތަނެއްގައި عُرِيَان حال ގައި، ދެންޖެހޭނޭ ކަމެއްގެ އިންތިޒާރުގައި فكر ވެރިވެ އިށީދެދާނެތެވެ.
صَحِيْح حَدِيث ގައިވެޔޭ މީސްތަކުން محشر އަށް ފޮނުއްވޭހުށީ خِتَان ނުކޮށް ތިބޭގޮތަށް عُرِيَان حَال ގައެވެ. ބީރައްޓެހި ދެރަ حال ގައި މަރުވެ ކަފުނެއް ނުލެވިދިޔަ مؤمن ންގެ ބައަކާއި شهيد ން ނާއި މެނުވީ ފޭރާމެއް ނުހުންނަހުއްޓެވެ. މިއުރެންގައި ސުވަރުގޭގެ ފޭރާމުން ފޭރާން ލެވިގެންވާހުއްޓެވެ. ހަމަ އެހެންމެ، ސަލާމާތް صَلَوَات ލެއްވި مُحَمَّد ގެފާނުގެ أمّة ގެ ބަޔަކު މީހުންވެސް އެފަދައިން ސުވަރުގޭގެ ފޭރާމުން ފޭރާން ލެވިގެން ތިބޭހުށި، އެބަޔަކީ އިތުރު އެކަލޭގެފާނުންގެ سُنَّة ން ތިނޯހެއްގެ ފަގައިގެ މިންވަރަށްވެސް އެއްކިބާ ނުވެވި ތިބިބައެކެވެ.
سلام އާއި صَلَوات ލެއްވި رَسُولُ الله ގެފާނުން حَدِيث ކުރެއްވިއެވެ. ތިޔަބައި މީހުންކުރެ މަރުވާމީހުންގައި ރަގަޅަށް ކަފުން ލަވާށެވެ. އަހުރެންގެ أمّة ގެ މީހުން محشر އަށް ފޮނުއްވޭހުށީ އެއުރެންގެ ކަފުނާއިގެންނެވެ. އެހެނެހެން أمّة ތަކުގެ މީހުން مَحشر އަށް ފޮނުއްވޭހުށީ عُرِيان حَال ގައެވެ. މި حَدِيث اَبو سُفِيَان سَنَد އާއެކު ގައި، ރިވާކުރެއްވިއެވެ.
وَقَالَ رَسُولً اللهِ صَلَّى اللهُ عَلَيه وَسَلَّمَ އަދިވެސް ސަލާމާއި صلَوَات ލެއްވި އިތުރު އެކަލޭފާނުން حَدِيث ކުރެއްވިއެވެ. مَيِّت އާ مَحْشَر އަށް ފޮނުއްވޭހުށީ، އެމީހާ މަރުވީ ހިނދު ލައިގެން އޮތް ފޭރާމުގައެވެ. މިއީވެސް އަހުރެމެންނަށް حقّ އަށް ރިވާވެގެންވާ حَدِيث އެކެވެ.
ބައެއްމީހަކު މަރަށް حَاضِرُ ވީ ވަގުތުގައި، ބުނާންފަށައިފިއެވެ. ތިމަންނަ މިވެނި ފޭރާމެއްލައްވާށެވެ. އެތާގައި ތިބިމީހުން އެކަމެއް ނުކުޅައޫއެވެ. އޭނާ މަރުވީ އޭނާ ލައިގެން އޮތް ދިގުލިބާހެއްގައެވެ. ދުވަސްކޮޅަކުން އޭނާ ހުވަފެނުން ފެނުނީ، ވަރަށް ހިތާމަވެރިވެގެން އިންދައެވެ. އެދުށްމީހާ ބުނެފިއޭ. ކަލޭގެއަށްވީ ކިއެއް ހެއްޔެވެ؟ ބުނުމުން މޫނު އަބުރައި ހުރަހޮޅިގެންބުނެފިޔޭ، ތިޔަބައިމީހުން އަހުރެން އެފޭރާންވެސް ނުލެއްވޫއެވެ. ތިޔަބައިމީހުން قصد ކުޅައީ މިލިބާސްގަނޑު ނޫން އެހެން އެއްޗެއްނެތި محشر އަށް ދާނޭގޮތް ހެދުމަށެވެ.
- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން