އައްޑޫ ލިންކު ރޯޑު ތަރައްޤީކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
އައްޑޫ ލިންކު ރޯޑު ތަރައްޤީކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ މައި ހިތްނާރު ކަމުގައިވާ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ސާވޭގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި، އައްޑޫ ލިންކު ރޯޑު އަލުން ތަރައްޤީކުރުމަށް ބޭނުންވާ ޓެކްނިކަލް ސާވޭތަކާއި ކުރެހުންތަކުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑެއްގައި ކުރިއަށެވެ. މި މަޝްރޫޢަކީ އައްޑޫގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނުވާނެ މުހިންމު މަޝްރޫޢެކެވެ.

އައްޑޫގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ވަނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތްތަކަށް ބޭނުންވާ ތައްޔާރީތައް ފަށާފައެވެ.

އައްޑޫ ލިންކް ރޯޑަކީ 2003 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަން ފެށި މަގެކެވެ. ފާއިތުވި 21 އަހަރުގެ ތެރޭގައި އެމަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެކި ފަހަރުމަތިން މަރާމާތުކުރުމުގެ މަސައްކަތް ކުރި ނަމަވެސް، މަގުގެ ހާލަތު އޮތީ ރައްޔިތުން ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައެވެ.

އައްޑޫގެ ބޮޑު އާބާދީއެއް 24 ގަޑިއިރު ބޭނުންކުރާ މި މަގަކީ ނުރައްކާތެރި އެތައް އެކްސިޑެންޓްތަކެއް ހިނގާފައިވާ މަގެކެވެ. މިފަދަ ހާދިސާތަކުގައި ފާއިތުވި އަހަރުތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާއިރު، މަގުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމެވެ.

ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ދަށުން އައްޑޫ ލިންކު ރޯޑަކީ ދަތުރުފަތުރުކުރަން ފަސޭހަ، ރައްކާތެރި އަދި ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ތަރައްޤީ ކުރެވިފައިވާ މަގަކަށް ހެދުމެވެ. މި މަސައްކަތް ނިމުމުން އައްޑޫގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން