ނިދާފަ އޮންނައިރު ސިޙުރާ އެސްފީނާ އަދި ޝައިޠޯނުންގެ މުޞީބާތުން ދަރިންނަށާ ތިމާއަށްވެސް ރައްކައުތެރިކަން އެދިގެން ޢަމަލުކުރަން އޮތް ސުންނަތަށް އެބަ ޢަމަލުކުރަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 40ސ
ނިދާފަ އޮންނައިރު ސިޙުރާ އެސްފީނާ އަދި ޝައިޠޯނުންގެ މުޞީބާތުން ދަރިންނަށާ ތިމާއަށްވެސް ރައްކައުތެރިކަން އެދިގެން ޢަމަލުކުރަން އޮތް
ސުންނަތަށް އެބަ ޢަމަލުކުރަމުތަ؟

عَنْ عَائِشَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا قُلْ هُوَ اللَّهُ أَحَدٌ وَقُلْ أَعُوذُ بِرَبِّ الْفَلَقِ وَقُلْ أَعُوذُ بِرَبِّ النَّاسِ ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلَاثَ مَرَّاتٍ. 

ޙަދީޘްފުޅުގެ މާނައީ: ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެ ވަޑައިގެން ކޮންމެ ރެއަކު އެކަލޭގެފާނުގެ ދެއަތްތިލަޕުޅު (ނެންގެވުމަށްފަހު) ޖައްސަވައި އެދެއަތްޕުޅަށް  (އަނގައިން) ފުއްމަވައިލައްވައި އެދައަތްޕުޅު ނަންގަވައިގެން އޮންނަވައި قُلْ هُوَ اللَّهُ أَحَدٌ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ الْفَلَقِ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ النَّاسِ ސޫރަތް ކިޔަވާ ވިދާޅުވެލައްވައެވެ. އެޔަށްފަހު އެކަލޭގެފާނުގެ ގައިކޮޅުގައި އެކަލޭގެފާނުގެ ދެއަތްތިލަޕުޅުން އަތްބީއްސެވޭ މިންވަރަށް ބީއްސަވާލައްވައެވެ. ފައްޓަވަނީ އެކަލޭގެފާނުގެ އިސްތަށިފުޅާއި އަދި މޫނުފުޅާއި އަދި ގައިކޮޅާއި ކައިރީގައިވާ ހިސާބުންނެވެ. އެފަދައިން އެކަލޭގެފާނު ތިންފަހަރު ހައްދަވައެވެ.

(ޞަޙީހް ބުޚާރީ: 5018)  

ޙަދީޘުން ލިބޭ ފައިދާ:

1.  ނިދަން އޮށޯވެ ދެއަތްތިލަ ނެގުމަށްފަހު އަތަށްފުމެލުމަށްފަހު އިޚުލާސް ފަލަޤި ނާސި މި ތިން ސޫރަތް ކިޔެވުމަކީ ސުންނަތެއްކަން.

2. އަދި އެޔަށްފަހު ގައިގައި ތިން ފަހަރު އަތްއުނގުޅާލުމަކީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރިވެގެންވާ ސުންނަތުގައި ހިމެނޭ ކަމެއްކަން.

3. އިޚުލާސް ފަލަޤި ނާސި މިތިން ސޫރަތް ކިޔެވުމަށްފަހުގައިވެސް އަތަށް ފުމެލެވިދާނެއެވެ. ސަބަބަކީ ޙަދީޘްގައި ލަފުޒީގޮތުން ކުރިން ފުމެލުން އައިސްފައިވީކަމުގައިވިޔަސް ފުމެލުން ކިޔެވުމަށްފަހުގައި ވާކަމަށް މިޙަދީޘުން  ބަހުގެ ގޮތުން ދަލީލު ކުރާކަމަށް ވަރަށް ޢިލްމުވެރިން ވިދާޅުވެއެވެ.

4. ދެގޮތުން ކުރެ ކޮންމެ ގޮތެއް ކުރިކަމުގައި ވިޔަސް މައްސަލައެއްނޫން ކަމަށް ޝެއިޚު އިބުނު އުޘައިމީން ރަޙިމަހުﷲ ވިދާޅުވެއެވެ.

5. އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ ޙަދީޘްގެ ލަފުޒީ މާނައިގައިވާ ފަދައިން އެންމެ ފުރަތަމަ ދެއަތްތިލައަށް ފުމުމަށްފަހު ކިޔެވުން ކަމުގައި ޝެއިޚު އަލްބާނީ ރަޙިމަހުﷲ ވިދާޅުވެއެވެ. “السلسلة الصحيحة” (7/283)

6. އެޔަށްފަހު ގައިގަތް ތިންފަހަރު އަތްފިރުމާލުމަކީ މާތްނަބިއްޔާގެ ސުންނަތެއްކަން.

7. އަދި އަތްފިރުމަށް ބޮލާއި މޫނާއި އަދި ބޮލާއިވީކޮޅުން ފެށުން.  .

8. ޙައިޟުވެފައިވާ އަންހެނާއާއި އަދި ނިފާސްވެރިވެފައިވާ އަންހެނާއަށް ނިދާއިރު ކިޔާ ޛިކުރުތައް ކިޔުމާއެކުގައި (ހިތުން) ސޫރަތްތައްވެސް ކިއިދާނެކަމަށް ޝެއިޚު ބިން ބާޒް ރަޙިމަހުﷲ  އެކަމުގައި މައްސަލައެއް ނެތްކަމަށް ބަޔާންކޮށްދެއްވާފައިވެއެވެ. ވީމާ މިސުންނަތްތަކަށް  ބަޔާންކުރެވުނު އަންހެންކަނބަލުންނަށްވެސް ނިދާއިރު ޢަމަލުކުރުމަށް މަނައެއް ނެތެވެ. فتاوى ابن باز (17/66)

(ނޯޓު: ނަމަވެސް ޖުނުބުވެރިޔާއަށް ޤުރުއާން ކިޔެވުން ވަނީ ނަޙީވެގެންވެއެވެ. ވީމާ ޖުނުބުވެރިޔާ މަތީގައި ބަޔާންކުރެވުނު މީހުންގެ ތެރޭގައި ނުވެއެވެ.)

 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން