ޖިންނި ތިމާއާ އަވަލާނެކަމަށް ގިނަ ބައަކަށް ޤަބޫލުވެސް ނުކުރެވޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޖިންނި ތިމާއާ އަވަލާނެކަމަށް ގިނަ ބައަކަށް ޤަބޫލުވެސް ނުކުރެވޭ ބައެއް ކަންކަން-

އަހުރެން ފަށާނީ ނަޞީޙަތުގެ ބަހަކުންނެވެ. އެއީ 2 އިރުގެ ޛިކުރުތައް ކިޔުމެވެ. އެއިރުން ޘަވާބު ލިބުމުގެ އިތުރުން ޖިންނިންނަށް

ތިބާއަށް ވާޞިލް ނުވެވޭނެ ހުރަހެއް ތިބާގެ ވަށައިގެން ލެވޭނެއެވެ.  

ބުނަންހެއްޔެވެ؟ ޤުރްއާން ކިޔަވާނަމަ މަލާއިކަތުންގެ ފައުޖުތައް ވަޑައިގެން އެތަނުގައި މަޑުކުރައްވަވާ ފަދައިން މިޔުޒިކްޖަހާނަމަ ނުވަތަ މިޔުޒިކް ކުޅޭނަމަ އެތަނުގައި ޖިންނިތައް ބަނޑަހަ ޖަހާނެއެވެ.  

ރަނގަޅަށް ވިސްނާށެވެ! ފާޙިޝް ޢަމަލުތައްކޮށް ޒިނޭކުރާނަމަ އެއީ ހަށިގަނޑުގެ ތެރެއަށް ވަދެގަތުމަށް ޖިންނިންނަށް ދެވޭ ދަޢުވަތެކެވެ. ނަމަވެސް ގިނަ ބައަކު އެކަމަކަށް ނުވެސް ވިސްނައެވެ.  

ހެދުން ބަދަލުކުރާ ވަޤުތު ނޫން ވަޤުތުތަކުގައި ފޭރާން ނުލައި ހުރުމަކީ ޖިންނި އަވަލާކަމެވެ. ހަމައެއާއިއެކު ތިމާގެ ރީތިކަން ބަލަން ގިނަވަޤުތު ލޯގަނޑުކައިރީގައި ހުރުމަކީވެސް ޖިންނިންނަށް ދެވޭ ދަޢުވަތެކެވެ.  

އަދިވެސް އިތުރުކަމެއް ފާހަގަކޮށްލާނަމެވެ. ފާޚާނާއަށްވަދެ ތަށިމަތީގައި އިންނައިރު މިޔުޒިކް އަޑުއަހާބައަކުވެސް އުޅެއެވެ. ފާޚާނާއަކީ ޖިންނިތައް ބަނޑަހަޖަހައިގެން ތިބޭ ތަނެކެވެ. އެހެންކަމުން ފާޚާނާގައި ހެޑްފޯނުއަޅައިގެން ނަމަވެސް މިޔުޒިކް އަޑުއެހުމަކީ ޖިންނި އަވަލާ ކަމެކެވެ.  

ހަމައެއާއިއެކު އަންހެނުން ސެންތްޖަހައި އެހެން މީހުންނަށް ވަސްދުވާވަރަށް މީރުވަސްދުއްވައިގެން މަގުމަތީގައި އުޅުމަކީވެސް ޖިންނި އަވަލާ ކަމެކެވެ. މީރުވަސް ލިބިގަންނަން ފަހަތުންވެސް ހިނގާނެއެވެ.  

އަދިވެސް އިތުރު ބައެއް ކަންކަން އެހެން ފަހަރަކުން ކިޔައިދޭނަމެވެ. މިވާހަކަ މިބުނަނީ ހަމަ ހުރެފައެއް ނޫނެވެ. ފަރުވާ ހޯދަން އަންނަ އެތައް ބައެއްގެ ކިބައިން ޔަޤީންކުރެވިފައިވާތީއެވެ.

 

- ޝައިޚް އަޙްމަދު ޝަރީފްގެ ބަސްފުޅަކުން

މިއަދު އޮންލައިން