މުޖުތަމަޢުގަ ހަމަޖެހުން އޮންނާނީ ޤިޞާޞް ހިފައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 3ސ
މުޖުތަމަޢުގަ ހަމަޖެހުން އޮންނާނީ ޤިޞާޞް ހިފައިގެން!

ދީނުގެ ޙުކުމްތައް ޢިލްމްވެރިން އަބަދުވެސް ވަނީ ބަޔާންކުރައްވާފައެވެ.

ޤިޞާޞް ހިފުމުގެ ވާހަކައަކީ ހަމައެކަނި މިއަދުގެ ޢިލްމްވެރިން ދައްކަވާ ވާހަކައެއް ނޫނެވެ. ހުރިހާ އިރެއްގައިވެސް ޢިލްމްވެރިން ދައްކަވާވާހަކަފުޅެކެވެ. މައްސަލައަކީ ޢަމަލުކުރާތަން ނުފެންނަ ކަމެވެ. އެކަން ތިރީގައިވާ ލިޔުމުންވެސް އެނގިލައްވާނެއެވެ. 

ރަސޫލް ޞައްލﷲ ޢަލައިހިވަސައްލަމަގެ ވަޞިއްޔަތްޕުޅުތަކުގެ ތެރެއިން މި وصيّة ގައިވަނީ ޙައްޤަކާނުލައި މީހުން މެރުން ނަހީ ކުރައްވާފައެވެ. ހުރިހާ އިންސާނުންނަކީ އެއް އަޞްލަކުން އުފެދިގެންއައި އެއްބައެކެވެ. އެއްބައްޕައަކާއި އެއްމަންމައެއްގެ ކިބައިން ނެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.  "يا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ " (الحجرات : 13) މާނައީ: " އޭމީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާ އަންހެނެއްގެ ކިބައިންނެވެ." އެހެން އާޔަތެއްގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.   

"يَاأَيُّهَا   النَّاسُ اتَّقُوا  رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ "(النساء 1)  މާނައީ:  " އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަށް ތިޔަބައިމީހުން ތަޤްވާވެރި ވާށެވެ! އެކަލާނގެއީ އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެ އެވެ. އަދި އެނަފްސުން އޭގެ ޖޯޑު އުފެއްދެވި އެވެ. އަދި އެދެކަނބަލުންގެ ކިބައިން ގިނަ ފިރިހެނުންނާއި، އަންހެނުން އުފެއްދެވިއެވެ."  

ވީމާ، އެއެންމެންނަކީވެސް ހަމަހަމަ ގޮތެއްގައި ދިރިއުޅުމުގެ ޙައްޤު ލިބިގެންވާ ބައެކެވެ.  

އިންސާނުންގެ އެންމެންނަކީ ވެސް ދިރިއުޅުމުގެ ޙައްޤު ލިބިގެންވާ ބައެކެވެ. އެކަމުގައި އެންމެން ހަމަހަމައެވެ. އޭގެ އެއްބައަކީ އަނެއްބައަކަށް ބޭނުންވެގެންވާ ބައެކެވެ. އަފްރާދުން ކަމުގައި ވިއަސް، ޖަމާޢަތް ތަކެއް ކަމުގައި ވިއަސް ހަމަހަމައެވެ. ކޮންމެ ފަރްދަކީ، މުޖުތަމަޢުގެ ބިނާގައި ބައެއްފުރިހަމަކުރާ މީހެކެވެ. މުޖްތަމަޢު އަށް ދެމިއޮވެވޭނީ އަމާން ކަމާއެކު ދިރިއުޅުން ސަލާމަތުން ލެހެއްޓޭނޭ ނިޒާމެއް އޮވެގެން ނެވެ. މީސްތަކުންގެ  ފުރާނަތަކާއި، މުދާރައްކައުތެރި ކުރެވޭނޭ ޤަވާޢިދުތަކެއް ހުރެގެންނެވެ. މިހެންވެ ޙައްޤަކާނުލައި މީހަކު މެރުންވަނީ މާތް ﷲ ނަހީކުރައްވާފައެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައި ވެއެވެ. 

 "وَلَا تَقْتُلُوا  النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۗ " (الإسراء: 33) މާނައީ: " ﷲ ޙުރްމަތްތެރި ކުރައްވާފައިވާ ނަފްސެއް (އެބަހީ މެރުން ޙަރާމްކުރައްވާފައިވާ ނަފްސެއް) ޙައްޤަކާ ނުލައި ތިޔަބައި މީހުން ނުމަރާށެވެ! " ޢަބްދުﷲ ބުނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. رسول الله ﷺ ޙަދީޘް ކުރެއްވިއެވެ.  لا يحلُّ دمُ امرئٍ مسلمٍ إلَّا بِأحْدَى ثلاثٍ : كُفرٌ بعدَ إيمانٍ وَزنًى بعدَ إحصانٍ ، وَقتلٍ نفسٍ بغيرِ نفسٍ"  މާނައީ: " މުސްލިމެއްގެލޭ  (އެބަހީ މުސްލިމަކު މެރުން) ތިންކަމަކުންކުރެ ކަމެއް ކުރުމުން މެނުވީ ހުއްދައެއް ނުވާނެއެވެ. އެއީ އީމާން ކަމަށްފަހު ކާފިރު ވުމާއި މުޙުޞިނަކަށް ވުމަށްފަހު ޒިނޭކުރުމާއި، މީހަކު މެރުމަކާ ނުލައި މީހަކު މެރުމެވެ." މިނޫން ގޮތެއްގައި މީހަކު މެރުމަކީ ޙައްޤަކާނުލައި މީހަކު މެރުމެވެ. ޙައްޤަކާ ނުލައި ގަސްދުގައި މީހަކު މަރައިފިނަމަ، އޭނާގެ ޙުކުމް އަކީ ޤިޞާޞް ހިފުމެވެ. މަރަށް މަރުހިފުމެވެ. އެ ޙައްޤު ލިބިގެންވަނީ މަރާލެވުނު މީހާގެ ވާރުތަވެރިންނަށެވެ. އެކަމަށް އެދެވޭނީ އެމީހުންނަށެވެ. ތަންފީޛު ކުރަންވާނީ ވެރިކަމުގެ ފަރާތުންނެވެ. އަމިއްލަ އަމިއްލައަކަށް ނޫނެވެ. ވާރުތަވެރިންގެ ތެރެއިން އެކަކު ނަމަވެސް މާފުކޮށްފިނަމަ ޤިޞާސެއް ނުހިފޭނެ އެވެ. އެހެނީ، މަރު އެއީ ބައިބައި ކުރެވޭ އެއްޗެއް ނޫނެވެ. 

ދިރިއުޅުމުގެ ޙައްޤަކީ ކޮންމެ މީހަކަށް މާތް ﷲ ދެއްވާފައިވާ ޙައްޤެކެވެ. އެ ޙައްޤު ނިގުޅައިގަނެވޭނީ އިސްވެދިޔަ ސަބަބުތަކުން ސަބަބެއް މެދުވެރިވެގެންނެވެ. އެކަން ތަންފީޛު ކުރުމުގެ ޙައްޤު އޮންނާނީ ދައުލަތަށެވެ. އަފްރާދުންގެ ޙަޔާތް ރައްކާތެރި ކުރުމަށްޓަކައި އަދި މުޖުތަމަޢުގެ މަޞްލަހަތު ހިފެހެއްޓުމަށްޓަކައި މިކަން ދޫކުރެވިފައިވަނީ ހަމައެކަނި ދައުލަތަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " وَلَكُمْ  فِى الْقِصَاصِ حَيَواةُ" (البقرة 179) މާނައީ: " އަދި ޤިޞާސް ހިފުމުގައި  (މަރަށްމަރު ހިފުމުގައި)  ތިޔަބައި  މީހުންނަށް ދިރިހުރުން ވެއެވެ."  

އެންމެ ފަރުދެއްގެ ފުރާނައަށް ޢަދާވަތް ކުރުމަކީ މުޅި މުޖްތަމަޢު އަށް ކުރެވޭ ޢަދާވާތެކެވެ. ކުށްވެރިޔާގެ ކިބައިން ޤިޞާސް ހިފުމަކީ،  މުޅިމުޖުތަމަޢު އަށް ލިބޭ ދިރުމެކެވެ. އެހެނީ، ތިމާ، މީހަކު މަރައިފިނަމަ  ތިމާވެސް  މަރާނެކަން އެނގި އެކަމުން ދުރުހެލިވާނެތީ އެވެ. 

މާތް ﷲ ވަޙީ ކުރެއްވިއެވެ.

"مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا  وَمَنْ   أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ " (المائدة: 32)  މާނައީ: " ނަފްސަކަށް ނަފްސެއް ނޫން ގޮތަކަށް ނުވަތަ ބިމުގައި ފަސާދަ އުފެއްދުމުގެ ސަބަބުން ނޫން ގޮތަކަށް މީހަކު މަރައިފިމީހާ މީސްތަކުންގެ އެންމެން މެރިފަދައެވެ. އަދި ނަފްސެއް ދިރުވައިފިމީހާ މީސްތަކުންގެ އެންމެން ދިރުވިފަދައެވެ." 

އިސްވެދިޔަ ފަސް އެންގެވުން އެންގެވުމަށް ފަހު މާތް ﷲ ވަޙީ ކުރައްވަނީ "ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ (151)" (الأنعام 151)  މާނައީ: " އެކަންތައްތަކަކީ އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވާފައިވާ ކަންތައްތަކެވެ. އެއީ ތިޔަބައިމީހުން ބުއްދީގެ ބޭނުން ކުރުމަށްޓަކައެވެ." މަޤްޞަދަކީ ޝަރްޢީ ތަކާލީފުގެ ތެރެއިން އިސްވެދިޔަ ފަސް އެންގެވުން އެއީ، ﷲ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވާފައިވާ ކަންތައްތަކެވެ. އޭގެ މާނައަކީ ﷲ ތިޔަބައިމީހުންނަށް އަންގަވާފައިވާ ގޮތުގެމަތީން ކިއަމަންވުން ލާޒިމު ކުރައްވާފައިވާ ކަންތައްތަކެކެވެ. އެއެންގެވުންތަކާ ޚިލާފުވެއްޖެނަމަ އެކަމުގައި ހުރި ގެއްލުންތައް ދެނެގަތުމުގައި ތިޔަބައިމީހުންގެ ބުއްދީގެ ބޭނުން ކުރުމަށްވެސް އަންގަވާފައި ވެއެވެ.

 

- ފަޟީލަތުއްޝައިޚް މޫސާ ފަތުޙީގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން