އަހުރެންގެ އަނބިމީހާއަށް އޮންނާނީ އޭނާ ބޭނުންވާ ތަނަކަށް ދިއުމުގެ ހުއްދަ ދީފައެވެ. އެކަމަކު ދެމަފިރިން މުސްކުޅިވެ މިޢުމުރަށް
ދިއައިރުވެސް ނުބުނެ ބޭރަކަށް ނުދެއެވެ. ބުނަނީ ކީއްވެގެންތޯ ސުވާލުކޮށްފިނަމަ ބުނަނީ އަހުރެންނަށް އިޙްތިރާމްކުރުމުގެ ގޮތުން ކަމަށެވެ.
އުފެދޭ ސުވާލަކީ އަނބިން ބޭރަށްދާން ފިރިމީހާގެ ހުއްދަ ނަގަންޖެހޭ ހެއްޔެވެ؟ ދީނީ ގޮތުން ދޭން އޮތް ޖަވާބަކީ ހުއްދަނަގަން ޖެހޭނެއެވެ. ނަމަވެސް އަހުރެން ފަދައިން އަނބިމީހާއަށް މިނިވަންކަން ދީފައި އޮތްނަމަ ނަގާކަށް ނުޖެހޭނެއެވެ.
ދެން ވިސްނާލަންވީ އަނބިމީހާ، އޭނާގެ ޢާއިލާއަށް ޒިޔާރަތްކުރުމާއިމެދުގައެވެ. އޭނާގެ މައިންބަފައިންގެ ގާތަށް ނުވަތަ އެއްބަނޑު އެއްބަފާ މީހުންގެ ގާތަށް ދިއުމަށް ހުރަސް އަޅައިގެންނުވާނެއެވެ. އެކަމުގައި ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ފިރިމީހާގެ ގާތުގައި ބުނެލާފައި ދިއުމެވެ.
އަނބިންގެ ކިބައިން ކުށެއް ނުފެންނަނަމަ، ކިޔަމަންތެރިކަމުގައި އުޅެމުން އަންނަނަމަ އޭނާއަށް އުނދަގޫވާނެ ގޮތަށް ކަންކަން މަނާކުރުން ރަނގަޅެއް ނޫނެވެ. އެއިރުން ފޫހިވާން ފަށާނެއެވެ. އަދި ގިނަދުވަސްވާނަމަ ދެމީހުން ވަކިވާ ޙާލަތަށްވެސް ކަންކަން ދާނެއެވެ.
އަނބިން ސަމާލުކަންދޭންވީ ކަމެއް އެބައޮތެވެ. އެއީ ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރުމަކީ އެއަންހެނަކަށް ސުވަރުގެ ދެއްވަވާނެ 4 ކަމުގެ ތެރެއިން އެއްކަންތަކެވެ. ވީމާ ފިރިމީހާ ޙައްޤުގޮތުގައި ކުރާ އަމުރުތަކަށް ކިޔަމަންތެރިވާން ވާނެއެވެ.
- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން