މިއަދުގެ ޒުވާނުންނަކީ ކުރިއަރާފައިވާ ބައެކެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ވަޒީފާއަދާކުރުމުގައިވެސް އަދި
އަމިއްލަ މަސައްކަތްކުރުމުގައިވެސް އެމީހުން އަންނަނީ ބޮޑެތި ކުރިއެރުންތައް ޙާޞިލްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ޒުވާނުން މަދެއް ނޫނެވެ.
ޒުވާނުންނަށް އަހުރެން ދޭންބޭނުންވާ އެންމެ ބޮޑު އެއް މެސެޖަކީ ﷲ ތަޢާލާ ތިބާއަށް ކުރިއެރުން ދެއްވަވާވަރަކަށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތުގައި ކުރިއަރައިދާށެވެ. ނަމާދަށާއި ފަރުޟުތަކަށް ރައްކައުތެރިވާށެވެ. އަދި ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން އިތުރުކުރާށެވެ!
އެކަންކަމުގައި ފަހަތަށް ޖެހެވޭނަމަ ﷲ ތަޢާލާ ތިބާ ފަހަތަށް ޖައްސަވައިފާނެތެވެ. އެކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ތަނަވަސްކަމުގެ ގޮތުންވިޔަސް އުފާވެރިކަމުގެ ގޮތުންވިޔަސް ކޮންމެ މީހަކަށްވެސް ހުންނަން ޖެހޭނީ ﷲ ތަޢާލާ އެމީހަކު ބެހެއްޓެވި ހިސާބެއްގައެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ވިސްނާށެވެ! ބާލިޣްވެ ބުއްދިފުރިހަމަވުމަށްފަހު ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ބޯލަނބަންޖެހޭނެ މީހެކެވެ. އެކަމުގައި ޒުވާނެއް މުސްކުޅިއެއް އަދި ވަކިޢުމުރެއް ނެތެވެ. ކޮންމެ މީހަކީވެސް އެމީހަކު ކުރި ކޮންމެ ކަމަކާއިމެދުގައިވެސް ސުވާލުކުރެއްވޭނޭ މީހެކެވެ. ކުރައްވަވާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭނެ މީހެކެވެ.
ވަކި ޢުމުރަކަށް ދިއުމުން ތައުބާވެ އިޞްލާޙްވާން، ޙައްޖުވާން ރޭއަޅުކަންކުރަން އެއީ އިސްލާމްދީނުގައި އޮތްކަމެއް ނޫނެވެ. ޙައްޖުވާޖިބުވުމުގެ ޝަރުޠަކީ ވަކިޢުމުރެއްވަންދެން ދުނިޔޭގައި ހުރެވުމެއް ނޫނެވެ. ކެރިކުޅަދާނަކަން ލިބުމެވެ.
ރޭއަޅުކަންކުރުމުގައިވެސް އޮތީ ހަމަމިގޮތެވެ. މުސްކުޅިވުމުން ރޭއަޅުކަންކުރުމަކީ އަދި ޒުވާން ޢުމުރުގައި ނުކުރުމަކީ އިސްލާމްދީނުގައި އޮތްގޮތެއް ނޫނެވެ. އަހުރެން ބުނާނީ ޒުވާން ޢުމުރުގައި ރޭއަޅުކަންކުރުމުން ދެއްވަވާ ޘަވާބު މާގިނަވާނެ ކަމަށެވެ. ސަބަބަކީ ބައިވެރިޔާ އާއި އަރާމުނިދި ދޫކޮށް އެނދުން ތެދުވަން ބޮޑަށް އުނދަގޫވާނީ ޒުވާން ޢުމުރުގައިކަމަށްވާތީއެވެ. މުސްކުޅިވެ ގައިގެ ބާރުދެރަވެ ރޭގަނޑުގެ ހަމަނިދި ނުލިބެން ފެށުމުން ތެދުވުމަށްވުރެ ޒުވާން ޢުމުރުގައި ތެދުވަން މާބޮޑަށް އުނދަގޫވާނެތީއެވެ! އަދި ކީއްހެއްޔެވެ؟ ޒުވާން ޢުމުރުގައި ރޭއަޅުކަންކުރަން ފަށައިފިނަމަ ދިރިއުޅުމަށް ލިބޭ ކުރިއެރުންވެސް މާބޮޑުވާނެއެވެ. އިން ޝާ ﷲ
ވީމާ ޒުވާން ޢުމުރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމުން ކުރާ ބޮޑު ފައިދާ ޤިޔާމަތްދުވަހު ތިބާއަށް ދައްކަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން