ދެ އިންތިޚާބު އެކުގަ ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް: ބަންޑާރަނައިބު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދެ އިންތިޚާބު އެކުގަ ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް: ބަންޑާރަނައިބު


މާލެ، ދިވެހިރާއްޖެ: ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރެންޑަމްއެއް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ، ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިފަރެންޑަމް ޤާނޫނުގައި 45 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވަނީ އެކަމަށް އެކަށީގެންވާ މުއްދަތެއް ކަމަށް މަޖިލީހުން ޤަބޫލުކުރާތީ ކަމަށެވެ. އަދި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލް ތަސްދީގު ކުރެއްވުމަށްފަހު، ޤާނޫނުގައިވާ ގޮތުގެ މަތިން ކެބިނެޓުގެ ލަފަޔާއެކު އިލެކްޝަންސް ކޮމިޝަނަށް ޤަރާރެއް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި، އެ ޤަރާރުގައި ސަރުކާރުން ރިފަރެންޑަމް ބާއްވަން އެދޭ ވަކި ތާރީޚެއް ހިމަނަން ޖެހޭނެއެވެ. އެގޮތުން، އެ ތާރީޚަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭ ދުވަސް ކަމުގައި ވީނަމަވެސް، އެއީ ޤާނޫނާ ފުށުއަރާ ކަމެއް ނޫން ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށްވާއިރު، އުޝާމް ވިދާޅުވީ ރިފަރެންޑަމްއަކީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ބައިވެރިވާންޖެހޭ ކަމަކަށް ވާތީ، ވަކިން މިކަން ކުރަން ގޮސްފިނަމަ ދައުލަތުން ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ. އެހެންކަމުން، އެހެން އިންތިޚާބަކާ ދިމާކޮށް މި ވޯޓު ނެގުމަކީ ޚަރަދު ކުޑަވެގެންދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން