ކޮންމެ ކަމަކާ ކަންބޮޑުވިނަމަވެސް، ހިތްދަތިވިނަމަވެސް ޚަތިމް ހުޅުވާލައި ފަސޭހަ ތަނަކުން ކިޔަވައިލުމަށްވުރެ ފައިދާހުރި ޢަމަލެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކޮންމެ ކަމަކާ ކަންބޮޑުވިނަމަވެސް، ހިތްދަތިވިނަމަވެސް ޚަތިމް ހުޅުވާލައި ފަސޭހަ ތަނަކުން ކިޔަވައިލުމަށްވުރެ ފައިދާހުރި ޢަމަލެއް ނެތް!

ވަކިކަމަކާއި ގުޅުވާކަށްވެސް ބޭނުމެއް ނޫނެވެ.

ކޮންމެ ކަމެއްވެސް ކުރިމަތިވާނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށްވާތީއެވެ. އެއީ ކޮންމެ މީހެއްގެ ސަބަބުން މެދުވެރިވި ކަމެއް ނަމަވެސްމެއެވެ.

އެއްވެސް ކަމަކުން ހިތްހަމަނުޖެހުން ލިބޭނަމަ ޤުރްއާން ކިޔެވުން ގިނަކުރާށެވެ. ވަކި ސޫރަތެއްވެސް ވަކިއާޔަތްތަކެއްވެސް ބުނާކަށް ނެތީމެވެ. ހުޅުވާލައި ކިޔަން ފަސޭހަތަނަކުން ކިޔަވާށެވެ.  

ޤުރްއާން ކިޔެވުމަށްވުރެ ފަސޭހައިން އަދި އަވަހަށް ހިތަށް ހަމަޖެހުން ލިބޭނެ އެއްވެސް ކަމެއް ނެތެވެ. އެހެނީ އިންސާނުންނަށް ހިތްހަމަޖެހުން ލިބުންވަނީ ﷲ ތަޢާލާ ހަނދުމަކުރުމުންނެވެ. އެއީ ޤުރްއާނުން އެނގެން އޮތް ކަމެކެވެ.  

ނަމަވެސް ގިނަމީހުންނަށް އަވަސްވެގަނެވެނީ ބޭސްގުޅައެއް ކެއުމަށެވެ. އަދި އެވަރުން ނުފުދިގެން މަސްތުވެ ސިކުނޑި ގޮއްވައިލުމަށެވެ. ނަތީޖާއެއްގެ ގޮތުން ކުރެވެނީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަދި ހުއްދަ ނުކުރައްވަވާ ކަންކަމެވެ.  

ހިތް އޮތީ އަހުރެމެންގެ ހަށިގަނޑުގައި ނަމަވެސް އެހިތަކަށްވެސް އަދި ހަށިގަނޑުގެ މައްޗަކަށްވެސް އަހުރެމެންގެ ބާރެއް ނުހިންގައެވެ. ހިތާއި މުޅިހަށިގަނޑުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢަލާއަށެވެ.  

އަދިވެސް ބުނެލާނަމެވެ. ހިތާއި ހަށިގަނޑުގެ މައްޗަށް ޑޮކްޓަރުންގެ ބާރެއްވެސް ނުހިނގައެވެ. މެޑިކަލް ޗެކަޕް ހަދާފައި އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމާތަނުން ހާޓްއެޓޭކް ނުޖެހެނީހެއްޔެވެ؟ ސްޓްރޯކް ނުވަތަ އެނޫވެސް ބަލިތައް ނުޖެހެނީހެއްޔެވެ؟  

މިފަދަ ކޮންމެ ކަމަކީވެސް ﷲ ތަޢާލާ ދެއްވަވާ ވަރުގަދަ މެސެޖުތަކެވެ. އަންގަވައި އެދެއްވަވަނީ އަހުރެމެންގެ ހިތުގެ މައްޗަށްވެސް އަދި ހަށިގަނޑުގެ މައްޗަށްވެސް ﷲ ތަޢާލާ ނޫން އެހެން އެއްވެސް ފަރާތަކަށް އެއްވެސް ބާރެއް ނުހިނގާކަމެވެ. ވީމާ ކޮންމެފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. ޙަޤީޤީ ޙައްލު ލިބުން އޮތީ ހަަމއެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.


- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން