ތިމާއަށް ފުދި އިތުރުވުމުން އެހެން މީހުންނަށް އެހީތެރިވާން މަޑުކޮށްގެންތިބޭ މީހުން ބިރުވެތިވާންވީ ﷲ ތަޢާލާގެ މި އެންގެވުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ތިމާއަށް ފުދި އިތުރުވުމުން އެހެން މީހުންނަށް އެހީތެރިވާން މަޑުކޮށްގެންތިބޭ މީހުން ބިރުވެތިވާންވީ ﷲ ތަޢާލާގެ މި އެންގެވުމަށް!

ބަހެއް ބުނެލަން މަސައްކަތް މިކުރަނީ 2 ކަމަކަށެވެ.

އެއްކަމަކީ މަރުގެ ވަޤުތު އައިސް ޖެހުމުން ކިތަންމެ ވަރަކަށް އާދޭސް ދެންނެވިޔަސް ފަޅިސިކުންތަކަށްވެސް ފަސް ނުކުރައްވަވާނެ ކަމެވެ. ދެވަނަ ކަމަކީ ވީވަރަކުން އެހެން މީހުންނަށް ހެޔޮކޮށް ހިތައި އެހީތެރިވބުމެވެ.  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"އަދި ތިއަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައުމުގެ ކުރީގައި، ތިމަން ރަސްކަލާނގެ ތިއަބައިމީހުންނަށް ދެއްވެވި ތަކެތިން ތިއަބައިމީހުން ހޭދަކުރާށެވެ! ފަހެ، (އެހިނދު) އޭނާ ބުނާނެއެވެ. އަޅުގެ ވެރި ރަސްކަލާކޮ! ކައިރި އަޖަލަކަށް އިނބަ ރަސްކަލާނގެ މިއަޅާ ފަސްކުރައްވަވާނެ ނަމަ ކޮންފަދަތޯއެވެ! ފަހެ، އެއިރުން ތިމަންނާ ޞަދަޤާތްކޮށް ޞާލިޙް އަޅުންގެ ތެރެއިން ވާހުށީމެވެ." (ސޫރަތުލްމުނާފިޤޫން- 10)  

ތިބާ މީސްތަކުންނަށް އެހީތެރިނުވެ މިއަދު ތިއަ ހުންނަނީ މި އާޔަތުގައި ބަޔާން ކުރައްވަވާފައިވާ ފަދައިން 2 ވަނަ ފުރުޞަތަކަށް އެދި ދަންނަވާ މީހުންގެ ތެރޭގައި ވުމަށް ހެއްޔެވެ؟ އެހެންކަމަށްވާނަމަވެސް ތިބާއަށް ބޭނުންވާ ޖަވާބު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ހަމަ އެ ސޫރަތުގެ 11 ވަނަ އާޔަތުގައެވެ. "އަދި، ﷲ އެއްވެސް ނަފުސެއް އެއިގެ އަޖަލު އަންނަ ހިނދު، ފަހެއް ނުކުރައްވަވާނެތެވެ. އަދި ﷲ އީ، ތިއަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

މި ދެ އާޔަތުން އެނގިގެން މިދަނީ އެހެން މީހުންނަށް އެހީތެރިނުވާ މީހާ މަރުވުމުން އެކަމަށްޓަކައި ހިތާމަކުރާނެ މިންވަރެވެ. އަދި ދެވަނަ ފުރުޞަތެއް ނުދެއްވަވާނެ ކަމާއި މަރުގެ ވަގުތު ވެސް ފަސް ނުކުރައްވަވާނެ ކަމެވެ.  

ނިކަން ބުނެބަލާށެވެ! ތިބާއަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ވޮޑިގެންވާނަމަ ތިބާއަށް ދެން ބޭނުންވާނީ ކާކުގެ އެހީތެރިކަމެއް ހެއްޔެވެ؟ ނަމަވެސް ގިނަ ބައަކަށް މިކަން މިއަދު ޤަބޫލު ނުކުރެވެނީއެވެ. ޤަބޫލު ނުކުރެވޭވަރު ނިކަން ދެކެބަލާށެވެ! ކޮންމެހެން ނެރެން ޖެހޭ ފަރުޟް ޒަކާތް ނެރުމުގައި ވެސް މިއަދު ގިނަ ބައަކު ދަނީ ފަސްޖެހެމުންނެވެ.

ގިނަ ބައަކަށް ހީކުރެވިފައި އޮންނަނީ މީހަކަށް އެހީތެރިވެއްޖެ ނަމަ އެމީހަކަށް ބައިވަރުތަކެއް ގެއްލުނީ ކަމަށެވެ. ޞަދަޤާތެއް ކޮށްފިނަމަ އަތުން ބައިވަރު ފައިސާތަކެއް ބޭކާރު ގޮތުގައި ގެއްލިގެން ދިއައީ ކަމަށެވެ. މިއީ ވަރަށް ކުށް ވިސްނުމެކެވެ.

އަދި ކީއްހެއްޔެވެ؟ މީހަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ފައިސާ އަތުގައި ނެތުމަކީވެސް މައްސަލައެއް ނޫނެވެ. ހެޔޮބަސްބުނެ ހިތްވަރުދޭށެވެ. އެއީވެސް ހަމަ އެހީތެރިވުމެވެ. އެއީވެސް ހަމަ ޞަދަޤާތެވެ. އެހެން މީހަކަށް އެހީތެރިވުމަށް ތިބާ އަޅާ ކޮންމެ ފިޔަވަޅެއްވެސް ތިބާ އާއި ސުވަރުގެ އާއި ކައިރިކުރުވާނެއެވެ. ނަރަކައާއި ދުރުކުރުވާނެއެވެ. އިން ޝާ ﷲ  

އަހަރެމެން އެންމެން ބޭނުންވެގެން މިއުޅެނީ ނަރަކަ އާއި ވީހައި ދުރުވާން ނޫން ހެއްޔެވެ؟ ނަރަކަ އާއި އެއްގޮތަކަށްވެސް ކައިރި ނުވާން ނޫންހެއްޔެވެ؟ ހަމަ އެފަދައިން އަހަރެމެން ބޭނުންވެގެން މިއުޅެނީ ސުވަރުގެ ލިބުމަށް ނޫންހެއްޔެވެ؟ ވީއިރު ނަރަކައާއި ދުރުވެ ސުވަރުގެއާއި ކައިރިވާން ފަސް ޖެހެނީ ކީއްވެގެން ހެއްޔެވެ؟  

ކުރަން ބޭނުންވާ ބައެއް ކަންކަން އެކަނި ނުކުރެވިގެން އިތުރު މީހުންގެ އެހީތެރިކަމަށް ބޭނުންވެއެވެ. އިތުރަށް ކިތަންމެ ގިނަ ބައެއްގެ އެހީތެރިކަން ހޯދި ނަމަވެސް ޙާޞިލުނުކުރެވޭ ކަންކަން ހުރެއެވެ. ނަމަވެސް އެއްވެސް ކަމެއް ނުކުރެވިގެން މާޔޫސްވާން ނުޖެހޭނެ މަގު އޮތީ ފެންނާށެވެ! ވީމާ ކިތަންމެ ގިނަ ބައަކަށް އެކަމެއް ކޮށް ނުދެވުނު ނަމަވެސް ކަންބޮޑުނުވާށެވެ! ކޮށްދެވޭނެ ބައިވެރިޔާގެ އެހީތެރިކަން ލިބިގަންނާށެވެ! ޙާޞިލު ނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ! ނުވެސް އޮންނާނެއެވެ!  

އެކަމުގެ ޔަޤީންކަން ލިބިގެންދަނީ އެހެން މީހުންނަށް އެހީތެރިވުމުގައި ތިބާ ހުރިހައި ހިނދަކު ތިބާއަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ވޮޑިގެންވާތީއެވެ. އެކަލާނގެ ވަޙީބަސްފުޅުން އެކަން އެނގެން އޮތުމުންނެވެ. އެހެންކަމުން މިއީ އަހަރެންގެ ބަހެއް ނޫނެވެ. ނޫނީ ޢިލްމުވެރިންގެ ބަހެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން