ޤުރްއާން ކިޔެވިޔަސް މާނައެނގުނަސް މިގޮތަށް ޢަމަލުނުކުރެވޭނަމަ އެމީހަކީ ޤުރްއާނުން އަސަރުކުރާ މީހަކަށްވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ޤުރްއާން ކިޔެވިޔަސް މާނައެނގުނަސް މިގޮތަށް ޢަމަލުނުކުރެވޭނަމަ އެމީހަކީ ޤުރްއާނުން އަސަރުކުރާ މީހަކަށްވާނެތަ؟

ޤުރްއާން ކިޔަވާ އަޑުއިވުމުން މުސްލިމުންގެ ހިތަށް އަސަރުކުރާނެއެވެ. މާނައެނގޭނަމަ ކުރާ އަސަރުވެސް ބޮޑުވާނެއެވެ. ސުވާލަކީ އަސަރުކުރަނީ ކިހާވަރަކަށް ހެއްޔެވެ؟ މާނައަށް ވިސްނައި ބިރުވެތިވެވޭހެއްޔެވެ؟

زَيْنُ الْعَابِدِيْنَ بْنُ الْـحُسَيْنُ އާއި ބެހޭ ގޮތުން ރިވާވެގެން ވެއެވެ. އެކަލޭގެފާނުގެ އަޅު ކުއްޖަކު، މުށި ކުރައަކުން އެކަލޭގެފާނަށް ފެން އޮއްސައިދެމުންދަނިކޮށް، އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް އެ ކުރާ ވެއްޓި ތެޅިއްޖެއެވެ. އަދި ފައިންޕުޅު ޒަޚަމްވެއްޖެއެވެ. އެކަމާ زَيْنُ الْعَابِدِيْن ކޯފާ އިސްކުރެއްވިއެވެ. އަދި މޫނުފުޅުގެ ކުލަވަރު ބަދަލުވިއެވެ.  

އެހިނދު އެ އަޅު ކުއްޖާ ދެންނެވިއެވެ. ސާހިބާއެވެ! ﷲ تَعَالَى ﮋوَالْكَاظِمِينَ الْغَيْظَﮊ އެވެ ވަޙީކުރައްވާފައި ވެއެވެ. މާނައީ: "އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން ރުޅި މަތަކޮށްފީމެވެ." އަނެއްކާ އެކުއްޖާ ދެންނެވިއެވެ. ﷲ تَعَالَى ﮋوَالْعَافِينَ عَنِ النَّاسِﮊ އެވެ މިހެންވެސް ވަޙީކުރައްވާފައި ވެއެވެ. މާނައީ: "އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން ތިބާއަށް މާފުކޮށްފީމެވެ." އަނެއްކާ އެކުއްޖާ ދެންނެވިއެވެ. ﷲ تَعَالَىﮋوَاللَّهُ يُحِبُّ الْمُحْسِنِينَﮊ އެވެ މިހެންވެސް ވަޙީކުރައްވާފައި ވެއެވެ. މާނައީ: "އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ ގެ ވަޖުހުފުޅަށްޓަކައި، އަހުރެން ތިބާ މިނިވަންކޮށްފީމެވެ." 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ އަޑު އިވުމުން އަޅުގަނޑޫމެންގެ ހިތްތަކަށްވެސް މިފަދައިން އަސަރުނުކުރާނަމަ މިތިބީ ކިހިނެއްވެފައިތޯ؟ ސުވާލުކުރަން މިޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. زَيْنُ الْعَابِدِيْنَ بْنُ الْـحُسَيْنُ އާ ބެހޭ ގޮތުން ރިވާވެގެން އައިސްވާ ބަސްފުޅުތަކަށް ރަނގަޅަށް ވިސްނަވައިލައްވާށެވެ! ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް އިވިވަޑައިގަތުމުން ޢަމަލުފުޅު ކުރެއްވެވި ގޮތާއިމެދު ވިސްނައިލާށެވެ! 

މިއަދަކު އަޅުންނެއް ނެތެވެ! ތިބީ ނޯކަރުންނާއި މުވައްޒިފުންނެވެ. ހެޔޮކޮށްހިތައި ބަލަހައްޓަންޖެހިފައިވާ ތިމާގެ ޢާއިލާގެ މީހުންނެވެ. އެއެންމެންނަށް ހެޔޮކޮށް ހިތާށެވެ! އެއިރުން އެމީހަކަށް މާތް ﷲ ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

 

 

މިއަދު އޮންލައިން