އަހުރެމެންގެ ތެރެއިން ބައެއް މީހުން އެމީހުންގެ ބައިވެރިޔާއަށް ވަރަށް ހެޔޮކޮށް ކަންކަން ކުރެއެވެ. އޭނާ އެދޭ ކަންކަން ކޮށްދިނުމުގެ އިތުރަށް އޭނާއަށް ބޭނުންވާނެ ކަމަށް ޤަބޫލުކުރެވޭ ކަންކަންވެސް ކޮށްދެއެވެ. އެކަމަކު ރުޅި ކޮންޓްރޯލެއް ނުކުރެވެއެވެ. އެއިރުން ނުކުންނަ ނަތީޖާއަކީ ކޮށްދޭ ހުރިހާ ކަމެއް ބާޠިލްވެގެން ދިއުމެވެ. އެއީ ރުޅިއައިސްގެން ބުނާ ބަސްތަކާއި ކުރެވޭ ކަންކަމުގެ ސަބަބުން ހިތަށްކުރާ އަސަރު މާބޮޑުވީމައެވެ.
ވިސް2ނާށެވެ! ރުޅި ކޮންޓްރޯލުކުރުމަކީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކެވެ. ބައެއް މީޙުންނަށް އަމިއްލަ ގޭތެރޭގައި ރުޅިގަދަކުރެވެއެވެ. ވަޒީފާގެ މާޙައުލުގައި ރުޅިގަދަކުރެވެއެވެ. އެންމެ ގާތް އެކުވެރިންނާއިއެކުގައި ހުރެފައިވެސް ރުޅިގަދަކުރެވެއެވެ. އަދި ބައެއް މީހުންނަށް މިސްކިތްތަކުގައިވެސް އެބަ ރުޅިގަދަކުރެވެއެވެ.
ރުޅިއަކީ އިންސާނާގެ ޠަބީޢަތުގައި ލައްވަވާފައިވާ ކަމަކަށްވުމުން ކޮންމެ މީހަކަށްވެސް ރުޅިއައުދެވޭނެއެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. މައްސަލައަކަށްވަނީ ރުޅި ކޮންޓްރޯލްނުކުރެވުމެވެ. ރުޅިކޮންޓްރޯލު ނުކުރެވުމުން ކުރެވޭ ނުބައި ޢަމަލުތަކެވެ. ބުނެވޭ ނުބައިބަސްތަކެވެ.
ފަސޭހައިންރުޅި އާދެވޭ އަދި ރުޅި ކޮންޓްރޯލްނުކުރެވޭ ސަބަބުތަކުގެ ތެރޭގައި ޞިއްޙީ މައްސަލަތައްވެސް ހިމެނެއެވެ. ވީމާ ރުޅިކޮންޓްރޯލްނުކުރެވޭނަމަ ޑޮކްޓަރަކަށް ދައްކައިގެން ޝިފާހޯދަންވެސް މަސައްކަތްކުރަންޖެހޭނެއެވެ. އަދި އެކަމަށް އެމީހާއަށް ކުރެވެންހުރި މަސައްކަތްތައްވެސް ކުރަންޖެހޭނެއެވެ.
ރުޅި ކޮންޓްރޯލްކުރަން ކުރަންހުރި ކަންތައްތަކުގެ ތެރޭގައި ރުޅިއައުމުން އައޫޛްކިޔުމާއި، ވުޟޫކުރުމާއި، ބަސްނުބުނެ ހިނދުކޮޅަކު މަޑުކޮށްލުމާއި، ކޮޅަށް ހުއްޓައި ރުޅި އަތުވެއްޖެނަމަ އިށީނުމާއި އިށީނދެ އިންދައި ރުޅިއަތުވެއްޖެނަމަ އޮށޯވެލުން ނުވަތަ ތަނެއްގައި ލެގިލުމާއި ރުޅިއައުމަކީ ޝައިޠޯނާގެ ސަބަބުން މެދުވެރިވާ ކަމެއްކަން ހަނދުމަކޮށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ޛިކުރުކުރުން ފަދަ ކަންކަން ހިމެނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން