ފުރަތަމަ ކަމަކީ ޒުވާން ޢުމުރުގެ ހެޔޮގޮތުގައި ހިފުމަކީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން މިންވަރުކުރައްވަވާނެ ސަބަބެއް ކަމެވެ. ޒުވާން ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފަމުން އަންނަ ޒުވާނުންގެ ކިބައިން އަހުރެން މިބުނު ކަންތައް މިހާރުވެސް ތަޖުރިބާކުރެވޭނެއެވެ. އިން ޝާ ﷲ
މިއަދުގެ ޒުވާން ދަރިންނޭވެ! ނިކަން ބުނެބަލާށެވެ! ތިއަކުދިންގެ ތެރެއިން ބައެއް ކުދިން ސޯޝަލްމީޑިއާގައި ތިއަކުރާ ކަންކަން ތިއަކުދިންގެ މައިންބަފައިންނަށް ފެންނަން ނުވަތަ އެނގެން ބޭނުންވާނެ ހެއްޔެވެ؟ އެނގޭނަމަ ނުވަތަ ބަލާނަމަ ލަދެއް ނުގަންނާނެ ހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! ތިއަކުދިން އަންގަން ބޭނުން ނުވިނަމަވެސް އަދި ދައްކަން ބޭނުން ނުވިނަމަވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ބައްލަވައިވޮޑިގެންވެއެވެ. ލަދެއްވެސް ބިރެއްވެސް ނުގަނޭހެއްޔެވެ؟ ލަދުވެސް ބިރުވެސް ގަންނާނެކަން ކަށަވަރެވެ.
އަހުރެމެންނަކީ މުސްލިމުންނެވެ. މަރުވާނެކަމާއި މަރުވާހިސާބުން ތިމާގެ ބާރުތައް އެކުގައި ކެނޑިގެންދާނެ ކަމާއި ދުނިޔޭގައި ހުރެ ކޮށްފައިވާ ކޮންމެ ޢަމަލަކަށް ޙައްޤު ޖަޒާ ދެއްވަވާނެކަން އަހުރެމެން ޤަބޫލުކުރަމުއެވެ. ވީއިރު ބިރުވެތިނުވެ ޤިޔާމަތް ދުވަހު ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟
ތިއަކުދިންނަށް ރިވެތި ސިފައާއި ޢިލްމާއި އެނޫންވެސް ނިޢުމަތްތައް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. އެއީ އެކަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. އެނިޢުމަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި ސުވަރުގެދާން މަސައްކަތްކުރުމަށެވެ.
ކޮފީތަކަށްގޮސް ދުންފަތުގެ އިސްތިޢުމާލުކޮށް ސީޝާ ބުއިން ފަދަ ކަންކަން ކޮށްފައި ގެއަށްދާންވުމުން ތުންފަތުގައި ކުލައުނގުޅައި އަނގަދޮވެ މީރުވަސްދުއްވައިލުމުން މައިންބަފައިންނަށް އޮޅުވާލެވިދާނެއެވެ. ގައަށް ސެންޓުޖަހައިލުމުން ހިފައި އޮޅުލި މީހުންގެ ކިބައިންނާއި ދުންފަތުދުމުން ހިފި ނުބައިވަސްތައް ފިލުވައިލެވިދާނެއެވެ. ދަރިއަކު ނުވިހާނަމަ ޒިނޭކުރިކަން ފަޟީޙަތްނުވެ ހުރެވިދާނެއެވެ.
ނަމަވެސް މިއިން އެއްވެސް ކަމެއް ﷲ ތަޢާލާއަށް އޮޅުވައެއް ނުލެވޭނެއެވެ. 7 އުޑުމަތިން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ތިބާކުރާ ހުރިހާ ޢަމަލުތަކެއް ތިބާގެ ފަތުގައި މަލާއިކަތުން ލިޔުއްވަވަތެވެ. ދެން ސަލާމަތްވެވޭނީ ކޮންގޮތަކުން ހެއްޔެވެ؟
ލޮބުވެތި ދަރިންނޭވެ! ހޭލާށެވެ! ހޭލުންތެރިވާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ނޫންނަމަ ދެން ކަންކަން ވެެގންދާނެ ގޮތް ކޮންމެ މުސްލިމަކަށްވެސް ރަނގަޅަށް އެނގޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން